ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓްލުން މިއަދު ފަށައިފިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކާއި މާލޭގައި ކުރިއަށް ދާ މި ޕްރައިމަރީގެ ވޯޓްލުން އޮންނާނީ މިއަދު ހެނދުނު 9:00 އިން 17:00 އަށެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) "ސަން"އަށް ވިދާޅުވީ، ވޯޓުލުން ގަޑިއަށް ފެށިގެން ކުރިއަށް ދާކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ދަނީ އަމާންކަމާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ 40 ދާއިރާއަކުންނެވެ. ދާއިރާތަކުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 25،325އަށް އަރައެވެ.

މި ޕްރައިމަރީއަށް 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭ ސަރަހައްދުގައި ގައި 27 ފޮށި ބަހައްޓާ އިރު އޭގެ ތެރެއިން މާލޭގެ ފޮށިތައް ބަހައްޓާނީ މަޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލްގައެވެ.

އެ ޕާޓީން ހުޅުމާލޭ ތިން ދާއިރާގެ ޕްރައިމަރީ ބާއްވާއިރު، ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ހުންނާނީ ދެވަނަ ފިޔަވަހީގެ ކާމިލްދީދީ ޕްރީސްކޫލުގައެވެ. އަދި ހުޅުމާލޭ މެދާއި ދެކުނު ދާއިރާގެ ފޮށި ހުންނާނީ މުޙައްމަދު ގާސިމް ޕްރީސްކޫލުގައެވެ.

އެމްޑީޕީން މީގެ ކުރިންވަނީ، އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ 36 މެންބަރެއްގެ އިއުލާންކޮށް ފަހުން 10 މެންބަރެއްގެ ނަން އިއުލާންކޮށްފައިވެއެވެ.

މިހާރު ކުރިއަށްދާ މަޖިލީހަކީ އެމްޑީޕީގެ ތާރީޚުގައި ވެސް އެ ޕާޓީއަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު މަޖިލީހެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިރު ސިޔާސީ ގޮތުން ބާރުވެރިވުމަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީން ހޯދަން ޖެހެއެވެ.

މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގައެވެ. އެ ދުވަސް ރޯދަ މަހާ ދިމާވާތީ، އެމްޑީޕީން އަންނަނީ ރޯދައިގެ ފަހަށް އިންތިޚާބު ފަސް ކުރެވޭތޯ މަޖިލީސް މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ.