04 Feb 2024, 17:42
ސޯޝަލް މީޑިއާ ޕޯސްޓުތަކާއި އޮންލައިން ކޮންޓެންޓް ރެގިއުލޭޓް ކުރުމުގެ ބާރުތައް ސަރުކާރަށް ފުޅާކޮށް ދޭ, އޮންލައިން ސޭފްޓީ ގާނޫނެއް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
މި ގާނޫނުގެ ސަބަބުން ސައިބަ ކްރައިމް ހުއްޓުވޭނެ ކަމަށް އޮފިޝަލުން ބުނަމުންދާއިރު އެކްޓިވިސްޓުން ވަނީ އެ ގާނޫނުގެ މާއްދާތަކުގެ ސަބަބުން މަދަނީ މިނިވަންކަމަށް ނުރައްކާވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ގާނޫނުގައިވަނީ، ސްރީލަންކާގެ މުއައްސަސާތަކަށް އިހާނެތިކޮށް ނުވަތަ ދީނީ އިހުސާސްތަކަށް ގެއްލުންވާ ފަދަ ކޮންޓެންޓެއް ހިމެނޭ ގޮތަށް ދޮގު ނުވަތަ އިހާނެތި ކަމަށް ބެލެވޭ ބަޔާންތައް ފޭސްބުކާއި އެކްސް ފަދަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން މަނާކޮށްފައެވެ. އެ ގާނޫނާގެ ދަށުން އެކުލަވާލާ ރިޔާސީ ކޮމިޝަނަށް، ގާނޫނާ ޚިލާފުވާ މީހުން ވަޒީފާއިން ވަކިކުރަން އަމުރުކޮށް ޖޫރިމަނާ ކުރެވޭނެއެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން މި ގާނޫނު އެކުލަވާލުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ޚިޔާލުފާޅުކުރުން ހުއްޓުވުމުގެ ބާރު ސަރުކާރަށް ނެގުމެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަމުން ދަނީ ދައުލަތުގެ އަމާޒަކީ ޚިޔާލު ފާޅުކުރުމުގެ ހައްގުތައް ފުޅާކުރުމުގެ ބަދަލުގައި ފާޑުކިއުންތައް ހުއްޓުވުން ކަމަށެވެ.
ލަންކާގެ މަދަނީ ޖަމިއްޔާތަކުން މިޤާނޫނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަމުންދާއިރު ވެރިކަން ކުރާ ފަރާތްތަކުގެ ކިބައިން އެދެނީ، ބަނޑުހައިހޫނުކަން މުޅި ގައުމުގައި ވެސް ހިނގަމުންދާއިރު، ރައްޔިތުންނަށް ކަންކަން އޮޅުވާނުލުމަށާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މަނާނުކުރުމަށެވެ.