އިއްޔެގެ ވަގުތެއްގައި މުޅި ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ ކެންސަރުގެ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާގެ ބަތަލާ ޕޫނަމް ޕާންޑޭ ކުއްލި ގޮތަކަށް މަރުވި ޚަބަރާ ގުޅިގެންނެވެ.

ޕޫނަމްގެ މަރުގެ ޚަބަރު އޭނާގެ ޓީމުން އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓުކުރިތާ 24 ގަޑިއިރު ފަހުން ބަތަލާ ދިރިހުރިކަން ޕޫނަމް ވަނީ އަމިއްލަ އިންސްޓަގްރާމްގައި އިއުލާނުކޮށްފައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓުކުރި ވީޑިއޯގައި ޕޫނަމް ބުނެފައި ވަނީ، އަމިއްލަ މަރުގެ ދޮގު ޚަބަރު ފެތުރީ ޕޫނަމް ތަހައްމަލު ކުރަމުންދިޔަ ރަހިމުގެ ކެންސަރު 'ސަވިކަލް ކެންސާ'އަށް އާއްމުންގެ ސަމާލުކަން ހޯދާ އެ ބައްޔަށް އާއްމުން ކުރިޔަށް ވުރެ ބޮޑަށް ހޭލުންތެރި ކުރުމުގެ މަގުސަދުގައި ކަމަށެވެ.

ޕޫނަމްގެ ވީޑިއޯގައި ބުނެފައި ވަނީ 'ސަވިކަލް ކެންސާ'އަކީ ކުރިން ބަލި ދެނެގަނެވި އެކަމަށް ފަރުވާ ހޯދައިފިނަމަ ރަނގަޅު ކުރެވޭނެ ބައްޔެއް ކަމަށެވެ. 'ސަވައިކަލް ކެންސާ'އަކީ އެހެން ބައެއް ކެންސަރުތަކާ ހިލާފަށް އެ ބަލިން ރައްކާތެރިކަން ހޯދޭނެ ބައްޔެއް ކަމަށާއި އޭގެ ތަޅުދަނޑި އަކީ އެޗްޕީވީ ވެކްސިނާއެކު ބަލި އަވަހަށް ދެނެގަތުން ކަމަށް އޭނާ ބުންޏެވެ.

ޕޫނަމްގެ 'ފޭކް މަރު"ގެ ޚަބަރާއެކު ގިނަ ބަޔަކަށް ސިހުން ލިބި އެކަމާ ހިތާމަ ފާޅުކުރި މީހުންގެ ކިބައިން ޕޫނަމް ވަނީ މި ވީޑިއޯގައި މަޢާފަށް އެދިފައެވެ. ޕޫނަމްގެ 'ފޭކް މަރު'ގެ ޚަބަރާއެކު 'ސަވިކަލް ކެންސާ' ބައްޔަކީ ކޯއްޗެއްކަން ނޭނގޭ ވަރަށް ގިނަ މީހުންނަށް އެއީ ކޮންކަހަލަ ބައްޔެއްކަން އެނގިގެން ހިނގައްޖެކަމަށް އޭނާ ވަނީ ބުނެފައެވެ.

ރަހިމަށްޖެހޭ 'ސަވިކަލް ކެންސާ' ބައްޔާހެދި ޕޫނަމް މަރު ނުވެ ދުނިޔޭގައި ހުރި ނަމަވެސް ދެރަކަމަކީ އެ ބައްޔާ ހެދި ދުނިޔޭގެ އެތައް ހާސް އަންހެނުންނެއްގެ ފުރާނަ ގެއްލިފައިވާކަން ކަމުގައި ޕޫނަމް އާއްމު ކުރި ވީޑިއޯގައި ވަނީ ބުނެފައެވެ.

ބަތަލާ ޕޫނަމް ޕާންޑޭ މަރުވިކަން އިއުލާނުކޮށް އޭނާގެ ޓީމުން ނެރުނު ސްޓޭޓްމަންޓް-- ފޮޓޯ/އިންޓަނެޓް
ޕޫނަމްގެ މި އަމަލާއެކު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ސޯޝަލް މީޑިއާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރި ކަމަށް ބުނެ ޕޫނަމްއަށް އެއްބަޔަކު ފާޑުކިޔާފައިވާއިރު ބައެއް މީހުން ބުނެފައި ވަނީ ޕޫނަމް ދެން ހަގީގަތުގައި މަރުވިޔަސް އެ ވާހަކަ އާއްމުން ސީރިއަސްގޮތެއްގައި ބަލައިނުގަންނާނެ ކަމުގައެވެ.

މިއީ ކަމެއް ޕްރޮމޯޓުކުރުމަށް ބޭނުންކުރެވޭނެ އެންމެ ހަޑި ހުތުރު ގޮތްކަމަށާއި މިއަށްވުރެ ޒިންމާދާރު ގޮތަކަށް ޕީއާރު ސްޓަންޓް ޖައްސަން ދަސްކުރުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޕޫނަމްއަށް ގޮވާލާފައެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ޕޫނަމްއަކީ މޮޑެލް ކުރުމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަންނާނެކެވެ. ޕޫނަމްގެ 'ފޭކް މަރު'ގެ ޚަބަރު އިއުލާނު ކުރުމުގެ ތިން ދުވަސް ކުރިން އިންޑިއާގެ ގޯއާގައި އޮތް ހަފުލާއަކުން އޭނާ ފެނިފައިވާކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.