މަޖިލިސް އިންތިޚާބަށް ޓިކެޓު ކަށަވަރު ކުރުމަށް ދަ ޑިމޮކްރެޓްސް އިން މިއަދު ބާއްވާ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ގިނަ ބަޔަކު ވޯޓު ލައިފިއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަނީ ހެނދުނު 9:00 އިން 4:00 އަށެވެ. އެ ޕާޓީން ޕްރައިމަރީ ބާއްވަނީ ހަތަރު ދާއިރާއަށެވެ. އެއީ:

  • ކެލާ ދާއިރާ: މަރިޔަމް ޙަނީފާ ޚާލިދު، ފަތުޙުﷲ އިސްމާޢީލް

  • ކަނޑިތީމު ދާއިރާ: އަޙްމަދު ރައިސަމް، ޢަލީ ނިފާޒް މުޙައްމަދު
  • ހުޅުމާލެ ދެކުނު ދާއިރާ: ޙަސަން އަޤީލް، ޙުސައިން ފިރުޝާން، މުޙައްމަދު ފައިޞަލް
  • ހެންވޭރު ދެކުނު ދާއިރާ: އަޙްމަދު އަސްވަން ނުޢުމާން، މުޙައްމަދު ސައިފް ފާތިޙް (އައިކޮ)

މިއަދު މެންދުރު ފަހު 2:00އާ ހަމައަށް ހުޅުމާލެ ދެކުނު ދާއިރާއަށް 57 ޕަސަންޓު މީހުން ވޯޓުލާފައި ވެއެވެ. މި ފޮށްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 186 މީހުންނަށެވެ.

މެންދުރު ފަހު 2:00އާ ހަމައަށް ހެންވޭރު ދެކުނު ދާއިރާއަށް ވޯޓު ލާފައި ވަނީ 44 ޕަސަންޓު މީހުންނެވެ. މި ފޮށްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 43 މީހުންނަށެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ޖުމްލަ 46 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެން ކެންޑިޑޭޓުން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.