04 Feb 2024, 00:07
ކޯޓެޑިއުއާގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ނައިޖީރިއާ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލްއިން ނައިޖީރިއާ ޖާގަހޯދީ ކްއާޓާ ފައިނަލްގައި އެންގޯލާ އާއި ބައްދަލު ކުރި މެޗު 0-1 އިން ކާމިޔާބު ކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު އެންގޯލާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެންގޯލާއިންނެވެ.
ދުނިޔޭގެ 117 ވަނައަށް ރޭންކް ކުރެވިފައިވި އެންގޯލާއިން އަލްޖީރިއާ އާއި ބުރުކީނަ ފާސޯ ފަދަ ޓީމުތައް ހިމެނުނު ގްރޫޕެއްގެ އެއްވަނަ ހޯދުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ނަމަވެސް މި މެޗުގައި އެންގޯލާއިން ބޮޑަށް ވިސްނީ ގިނަ ވަގުތު ޑިފެންޑް ކުރުމަށްފަހު ލިބޭ ފުރުސަތުގައި ހަމަލާ ދޭ ގޮތަށެވެ.
ނަމަވެސް މި މެޗުގެ ފުރަތަމަ ހަމަލާ އުފެއްދި ތަން ފެނިގެންދިޔައީ އެންގޯލާއިންނެވެ. ނަމަވެސް އެންގޯލާއިން ކުޅެމުންދިޔަ ކުޅުމުގެ ސަބަބުން ނައިޖީރިއާއިން އުފައްދަމުންދިޔަ ހަމަލާތަށް މާބޮޑަށް ކާމިިޔާބު ކުރެވެމުންދިޔަ ތަނެއް ނުފެނުނެވެ.
މި މެޗުގައި ނައިޖީރިއާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 41ވަނަ މިނެޓްގައި ޖަހައިދިނީ އިންގްލަންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅެފައިވާ އަޑެމޯލާ ލޫކްމަންއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މޯސެސް ސައިމޮން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މިއީ ނޮކްއައުޓް ބުރުތަކުގައި ލޫކްމަން ކާމިޔާބު ކުރި ތިންވަނަ ލަނޑެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލްގައި ނައިޖީރިއާ ބައްދަލުކުރާނީ ކާބޯ ވާޑޭ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ ކްއާޓާ ފައިނަލް މެޗު ކާމިޔާބު ކުރާ ޓީމަކާއެވެ.
އަދި އެންގޯލާއަށް މި ވަނީ އެފްކޮންގެ ސެމީފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމަށް ކުރަމުންދާ މަސައްކަތް ދެން އަންނަ މުބާރާތަކަށް ފަސްކޮށްލަން ޖެހިފައެވެ.