ބޮލީވުޑްގެ ބަތަލާ ރަކުލްއާއި ލޯބިވެރިޔާ ޖެކީ ބަގްނާނީގެ ކައިވެނި މެދުއިރުމަތީގެ ޤައުމެއްގައި ބޭއްވުމަށް ނިންމި ނިންމުން ބަދަލުކޮށް ކައިވެނީގެ ހަފުލާތައް އިންޑިއާގައި ބާއްވަން ނިންމައިފިއެވެ.

މިދިޔަ މަހުގެ ކުރީކޮޅު ދެ ތަރިން ކައިވެނިކުރަން އުޅޭކަން މީޑިއާ ރިޕޯޓުތަކުން ހާމަކުރިއިރު ކައިވެނިކުރަން ނިންމި ތަނެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.

ފަހުގެ ރިޕޯޓުތަކުން ބުނާގޮތުގައި މި މަހުގެ 21 ވަނަ ދުވަހު ދެ މީހުންގެ ކައިވެނީގެ ހަފުލާތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޑިއާގެ ގޯއާގައެވެ. ދެ ދުވަސް ވަންދެން ކައިވެނީގެ ހަފުލާތައް ކުރިއަށް ދާނެއިރު މި ހަފުލާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވިފައިވަނީ ހަމައެކަނި އާއިލާގެ އިތުރުން ރަކުލްއާއި ޖެކީގެ ވަރަށް ގާތް މަދު ރަހްމަތްތެރިންނަށެވެ. ބޮލީވުޑްގެ ތަރިންގެ ކައިވެންޏަށް ފަހު އާއްމު ގޮތެއްގައި ބޮޑު ރިސެޕްޝަން ހަފްލާއެއް ފަހުން ބޭއްވި ނަމަވެސް ރިސެޕްޝަނެއް ބޭއްވުމުގެ ވިސްނުމެއް ދެ މީހުންގެ ވެސް ނެތްކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ރަކުލް ލޯބިވެރިޔާ ޖެކީ ބަގްނާނީއާ އެކު-- ފޮޓޯ/އިންޓަނެޓް
ދެ ތަރިންގެ ކައިވެނި ބޭރު ޤައުމެއްގައި ބޭއްވުމަށް ނިންމި ނިންމުން ބަދަލުކޮށްފައި ވަނީ، އިންޑިއާގެ މުއްސަނދި އަދި ނުފޫޒުގަދަ އާއިލާތަކުން ދިރިއުޅުމުގެ ބޮޑެތި ހަރަކާތްތައް ބާއްވާ ތަނަކަށް އިންޑިއާ ހިޔާރުކުރުމަށް ބޮޑުވަޒީރު މޯދީ ގޮވާލުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދެ މީހުންގެ ކައިވެނީގެ ހަފުލާތައް އިންޑިއާއިން ބޭރުގައި ބޭއްވުމުގެ އިންތިޒާމުތައް ގާތްގަނޑަކަށް ނިމިފައިވަނިކޮށް ބޮޑުވަޒީރު މޯދީގެ އެދުމާ އެއްގޮތަށް ބަދަލުކޮށްފައިވަނީ ގައުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ކުރިން ބައެއް ފިލްމުތަކުން ފެނިފައިވާ ރަކުލްގެ ލޯބިވެރިޔާ ޖެކީ ބަގްނާނީ އަކީ މިހާރު ކާމިޔާބު ޕްރޮޑިއުސަރެކެވެ. މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ދަރިފުޅު ޖެކީ ޕްރޮޑިއުސްކުރާ ފިލްމު "ބާޅޭ މިޔާ ޗޯޓޭ މިޔާ" ކުރިޔަށް އޮތް އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ.