ޓްރާންސްފޯމަރެއް ނިވި، ހެންވޭރު ސަހަރާ ހިމެނޭ ސަރަހައްދުން ކަރަންޓް މިރޭ ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއް ނިވުމުން ކަމަށެވެ.

އަދި، މި މައްސަލަ ހައްލުކޮށް އަލުން އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން، މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދުނެވެ.

މާލޭ ސަރަޙައްދުގައި ކަރަންޓު ކެނޑޭ މިންވަރު މަދުކޮށް، ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެ ކުންފުނިން ވަނީ މަޝްރޫއެއް ހިންގަން ނިންމައިފައެވެ.

މާލޭ ސަރަހައްދުގައި އަދިވެސް، މަދުން ނަމަވެސް ކަރަންޓު ކެނޑެއެވެ. ޚާއްސަކޮށް ހޫނު މޫސުމުގައާއި ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އޯވާލޯޑުވުމުގެ ސަބަބުން ވެސް ކަރަންޓު ކެނޑެން ދިމާވެއެވެ.