މީގެ ކުރީގައި ހިނގާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް މި ސަރުކާރުން ނުބަލާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވައި، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ޔާމީން ރޭ ވެސް ވަނީ އެ ޕާޓީގެ އޮފީހަށް ވަޑައިގެން ސިޔާސީ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންނަށް ސުވާލު އަމާޒުކުރައްވަމުން ޔާމީން ވިދާޅުވީ، ހަމައެކަނި ކޮރަޕްޝަންގެ މައްސަލަތަކަށް 'ޒީރޯ ޓޮލަރެންސް' ދީފައި އެ މައްސަލަތައް ހައްލުކުރާނަމޭ ވިދާޅުވުމަކުން ނުފުދޭ ކަމަށެވެ. އޭގެ ބަދަލުގައި ގައުމުގައި ހިނގާފައި ހުރި ބޮޑެތި މައްސަލަތަކަށް ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ރައީސް ވެސް ވިދާޅުވަނީ ކޮރަޕްޝަންގެ ވާހަކަ. އެކަމު މިހާރު ވެސް ފެންނަނީ އޭގެ ބައިވަރު ކަންކަން އެޓެންޑުނުކުރެވި ދާތަން،" ކުރީގެ މައްސަލަތައް ނުބަލާކަން ފާހަގަކުރައްވައި ނުރުހުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ސިޔާސީ ލީޑަރުންނަށް ބޮޑުވެގެން އުޅެނީ ކޮރަޕްޝަން އެކަނިތޯ ސުވާލު އުފައްދަވައިފައެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު ރައީސް މުއިއްޒާ އެކު: ޔާމީން ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުން -- ސަން ފޮޓޯ/ މާހިލް އާތިފް

އެ މަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތީ ވަގަށް ނަގާފައި ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި ވެސް ކަންބޮޑުވާ މީހަކު ނެތްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެ މައްސަލަތައް ނުބަލައި ގައުމުގެ ކުރިމަގު ސީދާ ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ޒާތީ ގޮތުން ދަތިވާ ކަމެއް ނޫން މިހާރު މިއީކީ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ހަމަ ބޮޑު ތަނުން ވަގަށް ނަގާފައި އޮތް އިންތިޚާބެއްކަން ހަމަ ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ވާހަކަދައްކަވަމުން ގެންދެވީ. މިހާރު އެ ވާހަކަތަކުގައި އެއްވެސް ވާހަކައެއް ނެތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ހިނގާފައި ހުންނަ ބޮޑެތި މައްސަލަތައް ބަލަންޖެހެނީ ކޮންމެހެން މީހަކަށް އަދަބު ދޭން ނޫން ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅުކުރަން މާޒީގައި ހިނގާފައި ހުރި ގޯސްތަކުގެ މައްސަލަ ބަލަންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް ބަޔަކަށް އެއީ ކަމަކަށް ނުވޭ، އެކަމަކު ދިވެހިރާއްޖޭގެ ކަންތައްތައް ރަނގަޅުކުރަން ބޭނުންވަންޏާ މިހެންދާ ބޮޑެތި ކަންތައްތައް މުއައްސަސާތަކުގައި ތިބޭ އިސް މީހުން ގާނޫނުތައް އޮޅައިލާފައި އެ މީހުން ބޭނުން ގޮތަކަށް ދައިމަތި އަޅައިގެން ކަންތައްތައް ފުނޑާލަން ޖާގަ ދީފައި، އެ ކަންކަމުގައި އެ މީހުން ޖަވާބުދާރީނުކޮށް ގައުމުގެ ކުރިމަގު ސީދަލެއް ނުކުރެވޭނެ،" ޔާމީން ވިދާޅުވިއެވެ.

"ކޮންމެހެން މީހުންނަށް އަދަބު ދޭކަށް ނޫން. އެކަމަކު މި ވަރުގެ ބޮޑެތި ޚިޔާނާތްތައް ގައުމަށް ވީމާ މި ވަރުގެ ބޮޑެތި ކަންތައްތައް، ގައުމުގެ ބޮޑެތި ހައްގުތަކަށް އަރައިގަތީމާ އެ ކަންކަން ބެލެންވާނެ،"

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި: ވިދާޅުވީ، ކުރީގެ މައްސަލަތައް ބަލައި، ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް -- ފޮޓޯ/ ޕީއެންއެފް

އެހެންވެ، ޔާމީން ވަނީ ކުރީ ސަރުކާރުތަކުގައި ހިނގާފައި ހުރި ބޮޑެތި މައްސަލަތައް ބަލަން މި ސަރުކާރަށް ކެރޭނެތޯ ސުވާލު އުފައްދަވައިފައެވެ.

އަދިވެސް ބަންދެއްގައި ހުންނެވި ޔާމީން ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެކަމަކު، މިހާތަނަށް ކަރެކްޝަންސްއިން އެ މަނިކުފާނަށް އިންޒާރު ދިނުން ފިޔަވާ އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 2022 ވަނަ އަހަރު ދަށު ކޯޓުން ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ މައްސަލައިގެ އިސްތިއުނާފު ނިމި، ހުކުމާ ހަމައަށް ވާސިލުވިތާ ދެ މަހަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް ހުކުމް ކުރެވޭނެ ދުވަހެއް ނޭނގެއެވެ. އެ މަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދުގައެވެ.