04 Feb 2024, 12:28
ނަމާދުތަކުގައި ގުނޫތާއި ނާޒިލާ ކިޔުން ވަގުތީ ހުއްޓައިލަން އިސްލާމިކް މިނިސްޓްރީއިން މިއަދު ނިންމައިފިއެވެ.
އެ މިނިސްޓްރީއިން މިއަދު މިސްކިތްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މިއަދުގެ މަގްރިބް ނަމާދުން ފެށިގެން ނަމާދުތަކުގައި ގުނޫތާއި ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓައިލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިފައިވާ ކަމަށެވެ.
ފަލަސްތީނަށް ނަސްރު ދެއްވުން އެދި ނަމާދުތަކުގައި ގުނޫތު ކިޔުމަށް އެންމެ ފުރަތަމަ އެންގީ މިދިޔަ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުއެވެ. އެއިރު އެންގީ ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށެވެ.
އެއަށްފަހު ނޮވެންބަރު މަހުގެ 18ވަނަ ދުވަހު ވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔުމަށް އަންގައިފައެވެ.
ނަމަވެސް މިދިޔަ ޑިސެންބަރު ހަތްވަނަ ދުވަހު އަނެއްކާ ވެސް އެ މިނިސްޓްރީން ވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި އެކަނި ގުނޫތު ކިޔުމަށް އަންގައިފައެވެ.