އިންގްލިޝް ޕްރިމިއާ ލީގުގައި އެވަޓަން އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާއުފައްދާފައިވަނީ އެވަޓަން އިންނެވެ. މިމެޗުގެ ފެށުން ރަނގަޅުވީ ސްޕާސްގެއެވެ. މިގޮތުން ސްޕާސްއިން ވަނީ މެޗުގެ ހަތަރު ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޗާލިސަންއެވެ.

މިމެޗުގައި އެވަޓަންއިން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް އެއްވަރު ކުރި ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ޖަހައިދިނީ ޖެކް ހެރިސަންއެވެ. މިމެޗުގައި އެވަޓަންއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީވެސް ރިޗާލިސަންއެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު އަށް މެޗުގައި ކާމިޔާބު ކުރި ނުވަ ވަނަ ލަނޑެވެ. ނަމަވެސް މިމެޗުގައި އޭނާ ކުރިން ކުޅުނު އެވަޓަން އާއި ދެކޮޅަށް ކާމިޔާބު ކުރި ދެ ލަނޑަށްފަހުވެސް އުފާފާޅު ކޮށްފައެއް ނުވެއެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ބޮޑަށް ފެނިގެންދިޔައީ ސްޕާސްއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނު އިރު އެވަޓަންއިން ޑިފެންޑް ކުރުމަށްފަހު ލިބޭ ފުރުސަތުތަކުގައި ހަމަލާއަށް އަރަމުންދިޔަ ތަނެވެ. މިމެޗުގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފަޑްވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާ ޔަކެއް ދިފައުކޮށްފައެވެ. މިގޮތުން ޖޭމްސް މެޑިސަންގެ ދެހަމަލާ އަކާއި ޕެޑްރޯ ޕޯރޯގެ ހަމަލާއެއްް ދިފާއުކޮށްފައެވެ. މިމެޗު މިގޮތުގައި އޮވެ ނިމެން ދަނިކޮށް މިމެޗުން އެވަޓަންއަށް ޕޮއިންޓެއް ލިބިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ޑިފެންޑާ ޖެރާޑް ބްރަންތުވެއިޓް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު އެވަޓަންގެ ސަޕޯޓަރުންވަނީ މުޅި ދަނޑު އެއް އަޑު ކޮށްލާފައެވެ.

މިމެޗު އެއްވަރު ވުމާއެކު ތާވަލްގެ ހަތަރު ވަނައިގައި އޮތުމަށް ސްޕާސްއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. އަދި މިވަގުތު އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި އެވަޓަން އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

މިމުބާރާތުގައި ބާންލީ އާއި ފުލަމް ބައްދަލުކުރިމެޗުވެސް ވަނީ ދެ ލަނޑު ދެ ލަނޑުން އެއްވަރު ވެފައެވެ. ބާންލީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ފުލަމްއިން ދެ ލަނޑު ޖަހައި ލީޑު ނަގައިފައިވަނިކޮށް ބާންލީއިން އެޓީމްގެ ދެލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އަދި ފަހު ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑަކުންނެވެ.