04 Feb 2024, 21:54
މާދަމާ ބާއްވަން ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓް ކުރަން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީން މިރޭ ނިންމައިފިއެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން އެ ގުރޫޕުން ދެންމެ ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލް ހާމަކުރާނީ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާދަމާއަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާއެވެ. އެ ޖަލްސާއަށް މަޖިލީހުން ވަމުން އަންނަ ތައްޔާރީތައް މިއަދު ރައީސް ބައްލަވައިލައްވައިފައިވާއިރު ސަރުކާރުން ވަނީ އެ ރިޔާސީ ބަޔާނުގައި އެ މަނިކުުފާނު ދިވެހިންނަށާއި ގައުމަށް މުހިންމު ކަންތައްތަކެއް ހާމަކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17ގައި ރައީސް ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު 22 ވަޒީރުންގެ ކެބިނެޓެއް އައްޔަން ކުރެއްވި ނަމަވެސް، މަޖިލީހުގެ މިދިޔަ ދައުރު ނިންމާލީ ވަޒީރުންނަށް ރުހުން ނުދީއެވެ.
އެއަށް ފަހު މިދިޔަ ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި ވޯޓަށް އެހުމުން 19 ވަޒީރުންނަށް ރުހުން ދިން ނަމަވެސް، ތިން ވަޒީރަކަށް ރުހުންނުދެއެވެ. އެއީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރަށެވެ.
ނަމަވެސް، ހަމަ އެ ޖަލްސާ ބޭއްވި ދުވަހު ރައީސް ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.
އެކަމާ ނުރުހުން ފާޅުކޮށް، އެމްޑީޕީން ވަނީ މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން އައްޔަން ކުރެވޭނެ ކަމާ މެދު ގާނޫނީ ލަފައެއް ހޯދާނެ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައިގައި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފަޔަކީ ރުހުން ނުދިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެމްޑީޕީން ޕީޖީން ވަނީ ރައީސް އަޒުލުކުރުމަށް ނިންމައި، އަންނަ މެއި މަހު މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ބުނެފައެވެ.
ރައީސް އަޒުލު ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށް މީގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. އެގޮތުން އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއެއް ނުލައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް އިސްލާހުވަނީ ގެނެސްފައެވެ.
އެހެންވެ، މި ސަރުކާރުން މަގާމުތައް ލިބުނު މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ވަނީ 80އަށް ދަށްވެފައެވެ. އެ ބަދަލާއެކު، 54 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ.
އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން މި ފަހުން އެއްބަސްވެފައިވާއިރު، އެ ދެ ޕާޓީގައި މިހާރު 56 މެންބަރުން އެބަތިއްބެވެ. އެހެންވެ، ދެ ޕާޓީން ބޭނުންވެއްޖެ ނަމަ ރައީސް އަޒުލުކުރެވޭ ވަރަށް ވޯޓު ހަމަވާނެއެވެ.