04 Feb 2024, 22:39
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފަށަން މާދަމާ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއަށް ފަހު، އިތުރު ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފިއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ މި ޖަލްސާ އޮންނާނީ މާދަމާ މެންދުރު 14:00ގައި ކަމަށެވެ.
އެ ޖަލްސާގައި އޮންނާނީ، ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ގެންނަން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލުގެ އިބުތިދާއީ ބަހުސެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ، އަންނަ މާޗު މަހުގެ 17ގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ އާންމުންގެ ތެރޭގައި ކަންބޮޑުވުންތަށް ހުރި ކަމަށާއި، ވޯޓުލުމުގައި ބައިވެރި ނުވެވޭނެ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުންދާ ކަމަށް ބުނެއެވެ.
މާދަމާ މެންދުރު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނީ ހެނދުނު 9 ޖަހާއިރެވެ.