ރާއްޖޭގެ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރަން، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

މަސްވެރިކަން ކުރިއަރުވަން ރައީސް އުފެއްދެވި މި ކުންފުޏަށް ނަން ދީފައިވަނީ "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް"ގެ ނަމުންނެވެ.

މި ކުންފުންޏާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ކުންފުންޏެއްގެ ގޮތުގައި ރައީސް އެ ކުންފުނި އުފެއްދެވީ ކުންފުނީގެ ގާނޫނުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކުރުން ކަމަށެވެ.

އަދި މުޖުތަމަޢަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއާކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތަކާއި، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، އެ އުފެއްދުންތަކުގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތައާރަފުކޮށް، ގާއުމީ ބާޒާރާއި ބައިނަލްއަގުވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ވެސް އެ ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަސްވެރިކަން ކުރިއަރުވަން އާ ކުންފުންޏެއް އުފައްދައިފައިވާއިރު، މަސްވެރިން ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބޭތާ މަސްތަކެއް ވެއްޖެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އޭގެ ސަބަބުން ބައެއް އޮޑިފަހަރަށް ނުފުރި، މަސްވެރިކަން ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް އެ މަސްވެރިން ބުނެފައިވެއެވެ.

އެހެން ނަމަވެސް ރައީސް ވަނީ މަސްވެރިންނަށް ނުދެވި ހުރި ބާކީ ފައިސާ, މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް އަނބުރާ ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.