މަގުބޫލު ޓީވީ ބަތަލާ ސުރުބީ ޗާންދަނާގެ ކައިވެނީގެ ހެދުންތައް ހިލޭ ފޯރުކޮށްދިނުމަށް ޑިޒައިނަރު ގާތު އެދިފައިވާކަމުގެ ޚަބަރުތައް ފެންމަތި ވެއްޖެއެވެ.

ލޯބިވެރިޔާ ކަރަން ޝަރުމާއާ އެކު ޒަވާޖީ ހަޔާތެއް ފަށަން ތައްޔާރުވަމުން އަންނައިރު ފެޝަން ޑިޒައިނަރަކު ވަނީ ސުރުބީއާއި އޭނާގެ ޓީމުން ކައިވެނީގެ ހަފުލާތަކަށް ބޭނުންވާ ޑިޒައިނަރު އަންނައުނުތައް ހިލޭ ހޯދަން އެދުނު ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

މަޝްހޫރު ޑިޒައިނަރު އަޔޫޝް ކެޖްރިވާލް، ދާދި ފަހުން ވަނީ މިކަމާ ގުޅޭގޮތުން ސުރުބީގެ ސްޓައިލިސްޓާ ދެމެދު ބަދަލު ކުރެވުނު ފޯނު މެސެޖުތަކުގެ ސްކްރީން ޝޮޓްތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. ސުރުބީގެ ޓީމުން ފޮނުވި މެސެޖުތަކުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ޑިޒައިނަރަށް ކްރެޑިޓް ދޭ އުސޫލުން ކައިވެނީގައި ބޭނުން ކުރާނެ ހެދުންތައް ހިލޭ ފޯރުކޮށްދިނުމަށެވެ. ސުރުބީގެ ޓީމަށް ރައްދު ދެމުން ޑިޒައިނަރު ކެޖްރިވާލް ބުނެފައިވަނީ އަގު ބޮޑު ގަނޑުވަރެއްގައި ކައިވެނީގެ ހަފުލާ ބޭއްވޭއިރު ކައިވެނީގެ ހެދުންތަކަށް ޚަރަދު ނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ފިލްމީ ދާއިރާގެ ބައެއް ފަންނާނުންނަށް ހަފުލާތަކުގައި ބޭނުންކުރުމަށް ޑިޒައިނަރު ހެދުންތައް ހަދިޔާކުރި ނަމަވެސް ކައިވެންޏަށް ހެދުންތައް ހަދިޔާ ކުރުމުގެ ވިސްނުމާ މުޅިން ދެކޮޅު ކަމަށް ޑިޒައިނަރު ކެޖްރިވާލް ވަނީ ބުނެފައެވެ.

ޓީވީ ބަތަލާ ސުރުބީ ލޯބިވެރިޔާ ކަރަން ޝަރުމާއާ އެކު-- ފޮޓޯ.އިންޓަނެޓް
މަގުބޫލު ޓީވީ ސިލްސިލާތައް ކަމަށްވާ "ގުބޫލު ހޭ"، "އިޝްގްބާޒް" އަދި "ނާގިން"ގެ ބަތަލާގެ ފަރާތުން އަދި ޓީމުގެ ފަރާތުން ވެސް މިކަމާ ގުޅިގެން އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ.

ސުރުބީއާއި ލޯބިވެރިޔާ ކަރަން ޝަރުމާގެ ކައިވެނިކުރާ ތާރީޚޫ އަދި ހާމަކޮށްފައިނުވާއިރު ދެ ތަރިން ވެސް ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް މާޗު މަހުގެ އެއްވަނަ އަދި ދެވަނަ ދުވަހު އިންޑިއާގެ ޖެއިޕޫރު ޕެލެސްގައެވެ.