05 Feb 2024, 22:01
ގޫގުލްއިން އެ ކުންފުނީގެ އޭއައި ޗެޓްބޮޓް 'ބާޑް'އަށް ވަރަށް ބޮޑު އަޕްޑޭޓެއް ތައާރަފުކޮށް، ޓެކްސްޓް ޕްރޮމްޕްޓްތަކުން ފޮޓޯ އުފެއްދުމުގެ ގާބިލުކަން އިތުރުކޮށްފިއެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުންފުނީގެ ބްލޮގް ޕޯސްޓެއްގައި އިއުލާނުކޮށްފައިވާ މި ފީޗާގެ ސަބަބުން ބާޑަށް ދިގު ޓެކްސްޓް ޑިސްކްރިޕްޝަންތަކެއް ނަގައި، ފެންވަރު ރަނގަޅު، ފޮޓޯރިއަލިސްޓިކް ފޮޓޯތައް އުފެއްދޭނެއެވެ.
ބާޑްގެ ވާދަވެރިންނާ އެއް ފެންވަރަކަށް އެ ފީޗާ ތަރައްގީ ނުވި ނަމަވެސް ބާޑްގެ އާ އިމޭޖް އުފެއްދުމުގެ ގާބިލުކަން ގޫގުލްގެ އިމޭޖަން 2 މޮޑެލްއަށް ވެސް ވަނީ މިހާރު ލބިފައެވެ.
ބާޑްގެ އެންމެ ޚާއްޞަކަމަކީ ޑީޕްފޭކްގެ ނުރައްކާ ކުޑަކަމެވެ. އެގޮތުން ވަކިބައެއްގެ ފޮޓޯ އުފައްދަން ބާޑްއަށް ކޮމާންޑް ކުރިނަމަވެސް އެކަމަށް ބާޑް އިންކާރު ކުރެއެވެ. އަދި ބާޑް އުފައްދާ ހުރިހާ ފޮޓޯތަކެއްގައި ވެސް ވޯޓާމާކްތައް ހުރުމުން، އެ ފޮޓޯތަކަކީ އޭއައި އުފެއްދި ފޮޓޯތަކެއްކަން ފަސޭހައިން ދެނެގަނެވޭނެއެވެ.
ވިޝުއަލް މީޑިއާ ޖެނެރޭޝަންގެ އިތުރުން ގޫގުލްއިން ވަނީ ހަފުތާއެއްހާ ދުވަސް ތެރޭގައި ބާޑްގެ ގާބިލްކަން ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
މިހާރު 230އަށް ވުރެ ގިނަ ގައުމާއި ސަރަހައްދުތަކުގައި ބޭނުންކުރާ މި ޗެޓްބޮޓް މެދުވެރިކޮށް 40އަށް ވުރެ ގިނަ ބަހަށް ޓްރާންސްލޭޓް ކުރެވެއެވެ. އޭގެ ތެރޭގައި އަރަބި، ބެންގާލީ، ތަމަޅަ، އުރުދޫ ފަދަ އެތައް ބަސްތަކެއް ހިމެނެއެވެ.
ބާޑްގެ "ޑަބަލް ޗެކް" ފީޗާ ވެސް އެކި ބަހުރުވަތަކުން އަޕްޑޭޓްކޮށްފައިވާއިރު، ބާޑްގެ ޖަވާބުތަކުގެ ކޮންމެ ބައެއްގެވެސް ރިފަރެންސް ބަލައިލެވޭނެއެވެ. އޭގެ ބޭނުމަކީ ދޮގު މައުލޫމާތު ފެތުރުން މަދުކުރުމެވެ.
ގޫގުލްއިން މި އަޕްގްރޭޑްތައް ނެރެފައި މިވަނީ ލާމްޑާގެ ބާރުގަދަ ޖެމިނައި އަލްޓްރާ މޮޑެލްއާ ގުޅިފައިވާ ޕްރިމިއަމް ބާޑް ސަބްސްކްރިޕްޝަނެއް މުސްތަގުބަލުގައި ގެނައުމަށް ގޫގުލްއިން ޕްލޭންތަކެއް އިއުލާން ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
މައިކްރޮސޮފްޓާއި ބައިޑޫ ފަދަ ވާދަވެރިން އެޑްވާންސް ކްރިއޭޓިވް އޭއައިގެ ޚިދުމަތް ފޯރުކޮށް ދޭއިރު، ގޫގުލް އިން ބާރުއަޅަނީ ގާބިލުކަމާއި އެކްސެސިބިލިޓީ އަދި ޒިންމާދާރު ޑިޒައިނަށް އަހުލުވެރި ކުރުމަށެވެ.