ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ، އެ ޖަލްސާއާ ގުޅިގެން މާދަމާ ސަރުކާރު ބަންދުނުކުރަން ނިންމުމުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ)އިން އެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމުމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްވަނީ، މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެއީ ޖަލްސާ ބޮއިކޮޓް ކުރަން ނިންމި އެއް ސަބަބު ކަމަށާއި އަނެއް ސަބަބަކީ، ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ބޭއްވި ދުވަހު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް މަޖިލިސް ކުރާގޭ ކައިރީ ހަމަނުޖެހުން އުފެއްދުން ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ހަމަނުޖެހުމުގައި މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން، މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލައި މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެހެންވެ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމަށް ޓަކައި ޖަލްސާ ބޮއިކޮޓް ކުރީ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ އިތުރުން، އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަން ނިންމާފައިވާ ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފައެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ، އެ ޕާޓީން ޖަލްސާ ބޮއިކޮޓް ކުރަނީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އެ މަގާމުގެ ހައިސިއްޔަތުން އެ ޖަލްސާއަށް ވަޑައިގަތުމަށް ދައުވަތު ދީފައިވާތީ ކަމަށެވެ.

އެއީ ގާނޫނުއަސާސީއާ ޚިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ސަރުކާރުގެ ޣައިރު ގާނޫނީ އެފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށާއި އެހެންވެ، މާދަމާގެ ޖަލްސާގައި ބައިވެރިނުވާން ނިންމީ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުންގެ އަދަދު 56އަށް އަރައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިއިރު، މަޖިލީހުގެ ގެ ކައިރީގައި މުޒާހަރާކުރި މައްސަލަ މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ، މުޒާހަރާ ކުރިއަށްގެންދިޔަ ގަޑީގައި ފުލުހުންނާއި ސިފައިން މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް އެދިފައެވެ.