ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ޑިރެކްޓަރުންގެ ބޯޑުގެ، އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ބީއެމްއެލުން ބުނި މި މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މިހުންނަށް ކަމަށެވެ. އަދި ކުރިމަތިލާ މީހުންގެ ކިބައިގައި އެމްއެމްއޭގެ ޕްރުޑެންޝަލް ރެގިއުލޭޝަންގެ 'ފިޓް އެންޑް ޕްރޮޕާ ރިކުއާމެންޓްސް' ގައި ބަޔާން ކޮށްފައިވާ ސިފަތަކާއި މިންގަނޑުތަށް ހުރުން ލާޒިމުވާ ކަމަށް އެ ބޭންކުން ބުނެއެވެ.

އެ މަގާމަށް ކުރިމަތިލާ ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބޭންކިންއާއި މާލީ ޚީދުމަތްތަކާ ބެހޭ އެކަށީގެންވާ މައުލޫމަތު ލިބިހުރުމާއި ބަނގުރޫޓުވެފައިވާ ނުވަތަ ދަރަންޏެއް އޮތް މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސްވެރިއެެއްގެ ގޮތުގައި ނުވަތަ ކެބިނެޓުގެ މަގާމެއްގައި ހުރި ސަރުކާރުގެ މުވައްޒަފެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ޝަރުތުތަކުގައިވެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ ޖެންޑާ ޑައިވާސިޓި ހިމެނުމުގެ ގޮތުން ބޯޑު މެންބަރެއްގެ ގޮތުގައި އަންހެނަކު ކުރިމަތި ލުމަކީ އަބަދުވެސް އެ ބޭންކުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

އެ މާގަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުގެ 14:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ބީއެމްއެލުން އެދިފައިވަނީ އެކަމާ ގުޅޭ ފޯމް އެ ބޭންކުގެ މައި އޮފީހަށް ނުވަތަ[email protected]އަށް މެއިލް ކުރުމަށެވެ.

އެކަމަށް އެދޭ ފޯމް ބީއެމްއެލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު 3330192 ނުވަތަ 3330195އަށް ގުޅުމުން ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މިދިޔަ މަހުގެ 25ގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބޯޑުގައި ހިމެނޭ ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން ޗެއާޕާސަން ޔޫޝައު ސައީދާއި އިތުރު މެންބަރުން ކަމަށްވާ ޖުވައިރިއްޔާ ސައީދާއި މުޙައްމަދު ޝަރާހުއާއި އަބްދުﷲ ހުސާމް ޝަރީފް ވަނީ ބޯޑުން ވަކިކޮށްފައެވެ.