05 Feb 2024, 23:25
ރާއްޖޭގެ އިގުތިސާދީ ކަންކަން މެނޭޖުކުރުމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭން، ވޯލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރެއިސާ މިއަދު ހުށަހަޅުއްވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު ރެއިސާ ވަނީ އެ އޮފީހަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ވޯލްޑް ބޭންކުން ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު ވާހަކަ ދެއްކެވި ކަމަށް އެ އޮފީހުން ބުންޏެވެ.
އެގޮތުން ޕަބްލިކް ސެކްޓާ އިސްލާހު ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ދެ ބޭފުޅުން ނިންމަވައިލެއްވީ، ރާއްޖެއާއި ވޯލްޑް ބޭންކުން ކުރިއަށްއޮތް ތަނުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމަށް ފަހު ކަމަށެވެ.