06 Feb 2024, 08:05
ހޮލީވުޑްގެ ބޮޑެތި އެކްޓަރުން ހިމެނޭ އާ އެކްޝަން ފިލްމު "އާގައިލް"ގެ ރިވިއުތައް އާންމުކުރަން ފަށައިފިއެވެ.
ހެންރީ ކެވިލް އާއި ބްރައިސް ޑެލަސް ހޮވާޑް އަދި ޑުއާ ލިޕާ ފަދަ އޭލިސްޓް ތަރިން ފެންނަ މި ފިލްމާ ގުޅޭގޮތުން ވަރަށް ގިނަ ބަޔަކު ދިޔައީ ގިނަ އުއްމީދުތަކެއް ކުރަމުންނެވެ. ނަމަވެސް އެންމެ ފަހުން ރިވިއުތައް އަންނަން ފަށާފައިވާއިރު މި ފިލްމަށް ގިނަ ބަޔަކު ކުރަމުން ދިޔަ އުއްމީދުތައް ވަނީ ގެއްލިފައެވެ.
އެޕަލްއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ އާގައިލް ފިލްމު ޕްރޮމޯޓު ކުރަމުން ދިޔައީ "ޖޭމްސް ބޮންޑް" ސީރީޒްއާ ޖެހިގެން އުފެދޭ އެންމެ މޮޅު ސްޕައި ފިލްމު ސީރީޒްގެ ގޮތުގައެވެ. އެއާއެކު ފޭނުން ތިބީ ފިލްމުން ވާނެ ގޮތެއް ބެލުމަށް ކެތްމަދުވެފައެވެ.
ނަމަވެސް އެންމެ ފަހުން ފިލްމު ދައްކަން ފަށާފައިވާއިރު މިހާރު މި ކެތްތެރިކަމަށް ލިބުނީ ހިތާމައެވެ. ރިވިއުތަކުން ބުނާގޮތުގައި ފިލްމުގެ ޕްލޮޓު ހަމައެއް ނުޖެހެއެވެ. އަދި ފިލްމުގެ އެކި ކަހަލަ މައްސަލަތައް ހުރި އިރު ފިލްމު ފޫހި ކަމާއި އޮރިޖިނަލް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފިލްމަކީ އެލީ ކޮންވޭ ނަމަކަށް ކިޔާ ލިޔުންތެރިޔެއް ލިޔާ ސްޕައި ވާހަކަ ފޮތަކާ ގުޅިގެން ދިމާވާ މައްސަލަތަކެއްގެ ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި އެލީ ލިޔާ ސްޕައި ވާހަކައިގައި ވާ ކަންތައްތަކަކީ އަސްލު ސްޕައި އޯގަނައިޒޭޝަނަކުން ކަންތައް ކުރާ ގޮތާ ގާތްވާ ވާހަކަތަކަކަށް ވާތީ ބަޔަކު އެލީ މަރާލަން އުޅޭ ތަން މި ފިލްމުގައި ދައްކުވައިދެއެވެ.
މި ފިލްމު މިހާރު އެޕަލްގެ ސްޓްރީމިން ސާވިސް އެޕަލް ޓީވީ ޕްލަސް އިން ސްޓްރީމް ކޮށްލެވޭނެއެވެ.