06 Feb 2024, 09:21
އެއްވެސް ރައްޔިތަކަށް ދޫކޮށްފައިވާ ގޯތި ވިޔަސް ފުލެޓު ވިޔަސް، މި ސަރުކާރުން ނުފޫޒު ފޯރުވައިގެން ނާތުލާނެ ކަމަށާއި ރައްޔިތުންގެ ހައްގު ތެދުވެރިކަމާ އެކު އަދާކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވައި 'ރައީސްގެ ޖަވާބު'ގައި މިއަދު އައިމިނަތު އާދަމް، ހުޅުމާލެ ފުލެޓު 104، ވަނީ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދުގެ ލިސްޓަކަށް ފުލެޓުތައް ބަހައިލަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ކުރަމުންދާ ތުހުމަތާ ގުޅޭ ގޮތުން ރައީސާ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވިޔަސް އަދި ފަސްޓްލޭޑީ ވިޔަސް ނުވަތަ ސަރުކާރުގެ އެހެން އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ވެސް ނުފޫޒު ފޯރުވައިގެން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ ކަމަށެވެ.
ގޯތި ލިސްޓުން ގޯތި ލިބުނު މީހުންނާއި އަދި ފުލެޓު ލިސްޓުގައި ފުލެޓު ލިބުނު މީހުންނަށް ވެސް އެ މީހުންގެ ހައްގު ތެދުވެރިކަމާ އެކު އަދާކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވައިފައެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް އަދި އަޅުގަނޑުގެ އަންހެނުން ވިޔަސް، އަދި އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހެއް ވިޔަސް އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން، މި ސަރުކާރުންނެއް އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެފަދަ ކަމެއް ކުރުމަކަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނެ،"
ރައީސް ވިދާޅުވީ، ފުލެޓާއި ގޯތީގެ އިތުރުން ވެސް ސަރުކާރުގެ އެއްވެސް ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ އެއްވެސް ކަމަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. ސަރުކާރުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދާނީ ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އަދި އެ ކަހަލަ ކަމެއް ހިންގާ މީހަކު މައުލޫމާތު ލިބިޖެއްޔާ އެ ކަމަކަށް އަޅުގަނޑު އިސްވެ ފިޔަވަޅު އަޅާނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ފުލެޓު ލިސްޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ މީހުން ދައްކާ ވާހަކަތަކަކީ ސަރުކާރާ މެދުގައި ފިތުނަ އުފައްދަން ފަތުރާ ދޮގުތަކެއް ކަމަށެވެ.
"އަޅުގަނޑު މިދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާމުން ރައްޔިތުންނަށް ހައްގު، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތެދުވެރިކަމާ އެކީ އަދާކޮށްދޭނަން،" ރައީސް ވިދާޅުވިއެވެެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ 4،000 ފުލެޓު ލިބުނު މީހުންގެ ލިސްޓު މިދިޔަ ސަރުކާރުގެ ފަހުކޮޅު އާންމުކުރުމާ އެކު އާންމުންގެ ގިނަ ޝަކުވާތަކެއް ފެންމަތިވިއެވެ. މައްސަލަ ބޮޑުވެފައި އޮއްވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މައްސަލައިގައި ތަހުގީގެއް ފަށައިފައެވެ.
އިއްޔެ އޭސީސީން ބުނީ ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތުހަމަނުވާ ކަމަށެވެ.