މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރަން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރީ ގާތްގަނޑަކަށް 4000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށްވުމަށް 4000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އެކަމަކު، އޮފިޝަލުންގެ ގޮތުގައި ޖުމަލް 5،600 މީހުން ބޭނުންވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އެހެންވެ، ހަބީބް ވަނީ އޮފިޝަލަކަށްވާން ޝައުގުވެރިވާނަމަ ވީ އެންމެ އަވަހަށްއީސީގެ ޕޯޓަލްމެދުވެރިކޮށް ފޯމު ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

އީސީން މަޖިލިސް އިންތިޚާބަށް އޮފިޝަލުން ހޯދަން މިދިޔަ މަހުގެ 21ގައި އިއުލާނުކޮށްފައިވާއިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މާޗު މަހުގެ ފަސްވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ.

އޮފިޝަލެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން

  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުން
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން
  • އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ/ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
  • ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ސްކޫލް ދަރިވަރަކަށް ނުވުން.

އުޖޫރައިގެ ގޮތުގައި އޮފިޝަލުންނަށް 2000-1500 ރުފިޔާ ލިބޭނެއެވެ. އަދި، ވެރިޔާގެ އެހީތެރިންނަށް 2،000 ރުފިޔާއާއި 3،000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ލިބޭއިރު، މަރުކަޒުގެ ވެރިޔާއަށް 2،500 ރުފިޔާއާއި 3،500 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ލިބޭނެއެވެ.

މަޖިލިސް އިންތިޚާބު މާޗު މަހުގެ 17ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް އެ ދުވަސް ދިމާވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާއާއެވެ. އެހެންވެ، ރަމަޟާން މަހު އިންތިޚާބު ނުބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުންނެވެ.