އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕާސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު ކްލިޕާސްއިން ކާމިޔާބު ކޮށްފިއެވެ.

އެޓްލާންޓާގެ ސްޓޭޓް ފާމް އެރީނާގައި ކުޅުނު މިމެޗު ކްލިޕާސް ކާމިޔާބު ކޮށްފައިވަނީ 149 ޕޮއިންޓް 144 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ކްލިޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ 10 އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ. އަދި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ 12 އެސިސްޓް ދިން ޓްރެއި ޔަންގްއެވެ.

މިމުބަރާތުގައި ކްލީވްލަންޑް ކެވެލިއާސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު ކެވެލިއާސް ކާމިޔާބު ކޮށްފައިވަނީ 136 ޕޮއިންޓް 110 ޕޮއިންޓުންނެވެ. މިމެޗުގައި ކެވެލިއާސްގެ ޑޮނޮވަން މިޝޭލްވަނީ 29 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. މިމެޗުގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ 19 ރީބައުންޑް ނަގައިދީ 15 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް މިމެޗުގައި ހެދި ޑޮމަންޓާސް ސަބޮނިސްއެވެ.

މީގެ އިތުރުން ނިއުއޯލިއަންސް ޕެލިކަންސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރިމެޗު 138 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކުރީ ޕެލިކަންސް އެވެ. މިމެޗުގައި ޕެލިކަންސްގެ ބްރެންޑަން އިންގްރާމްވަނީ 41 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ދީފައެވެ. އަދި ރެޕްޓާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ގްރެޑޭ ޑިކްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ޑެލަސް މެވްރިކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު 118 ޕޮއިންޓް 102 ޕޮއިންޓުން މެވްރިކްސް ކާމިޔާބު ކުރިއިރު ލޮސް އެންޖަލިސް ލޭކާސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗު 124 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބު ކުރީ ލޭކާސްއެވެ. އަދި ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 109 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބު ކުރީ ވޮރިއާސް އެވެ.