ތ. ވޭމަންޑޫއިން، މުޙައްމަދު ނާއިލް ޙަފީޒް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ މާލިއްޔާ އޮތީ 'ދޮވެލައިފައިި' ކަމަށް ރައީީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ މުޝީރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިރޭ ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަހީމް ވިދާޅުވީ ނިމުނު ސަރުކާރުން ގައުމު ވައްޓައިލައިފައި އޮތީ ވަރަށް ނިކަމެތި ހާލަތަކަށް ކަމަށެވެ.

އެގޮތުން އިގްތިޞާދީ ގޮތުން ގައުމު ދަށްވެ، މިނިވަންކަން ވެސް އޮތީ ގެއްލޭ ހިސާބުގައި ކަމަށް ވިދާޅުވިއެވެ.

"ނިމިގެންދިޔަ ސަރުކާރު ނިމިގެންދިޔައިރު ދިވެހި މާލިއްޔަތުވަނީ ދޮވެލައިފައި. ދިވެހިރާއްޖޭގައި ހުރި ކުންފުނިތައްވަނީ ބަނގުރޫޓުކޮށްފައި. ދިވެހިރާއްޖޭގެ މިނިވަންކަން އޮތީ އަތު ނުޖެހޭ ހިސާބުގައި. ދިވެހީންގެ ސިޔާދަތާއި އިސްތިގުލާލު އޮތީ ގާދޫކޮޅުން ބޭރުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި ވެސް މިއަދު ގައުމު އޮތް އިގްތިޞާދީ ހާލަތާމެދު ވަރަށް ބޮޑަށް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެެވެ.

އިތުރަށް ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން އިއްޔެ ރައީސް ދެއްވި ރިޔާސީ ބަޔާނަށް ކިޔަމުން އަންނަ ފާޑުތަކަށް ވެސް ރައްދު ދެއްވައިިފައެވެ.

"އަޅުގަނޑު ހިތަށް އަރަނީ ރިޔާސީ ބަޔާނެއް އެ ބޭފުޅުން ދުވަހަކު އަޑުއެއްސެވި ބާއޭ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނަކީ މިއަދު ގައުމު އޮތް ހާލަތު ވަރަށް ބޮޑަށް ތަފްސީލުކޮށްދޭ ބަޔާނެއްކަމަށެވެ. އެ ބަޔާނުން ރައްޔިތުންނަށް ލިބުނީ އުންމީދުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ ބަޔާނުގައިި ތަފްސީލްކޮށް އެއްވެސް އޮޅުވައިލުމެއްނެތި އެ ވާހަކަތައް ރައީސް ވިދާޅުވީތީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް މަންފާ ހުރި ކަންކަމަށް ހުރަސް އަޅައިނަމަ އެއީ އެންމެ ފުރަތަމަ ގައުމުގެ ޝިއާރުގެ ދަށުން މަސައްކަތް ކުރުން ނޫންކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ މި ވާހަކަ އަމާޒުކުރެއްވީ މިހާރު ވަކި ޕާޓީއެއް، ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އުފައްދަވައިގެން މަސައްކަތްކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތްކުރައްވާ ބޭފުޅުންނަށެވެ.

"އެކަން ގަބޫލުނުކުރެވޭ ބަޔަކު ދުރުގައި ތިބެގެން ކިތަންމެ ފާޑު ކިޔަސް މިއަދު އަޅުގަނޑުމެން މި އަތޮޅަށް ކުރި ދަތުރުން ފެނުނީ ދިވެހި ރައްޔިތުން ޑރ. މުއިއްޒާއެކު ތިބިތަން،" ރައްޔިތުން ރައީސާއެކު ތިއްބެވީ އުންމީދުތަކެއް ކުރައްވާތީކަން ފާހަގަކުރައްވައި އަބްދުުއްރަހީމް ވިދާޅުވިއެވެ.

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ދިވެހީންގެ ރާއްޖެއަކަށް ފުރިހަމައަށް ވާސިލްވުމަށް ޓަކައި ދެން ކުރުން އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބުކޮށްދިނުން ކަަމަށެވެ.

އަދި އެކަމާ މެދު ރައްޔިތުން ވިސްނައި، މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.