ފިލްމީ ދާއިރާގައި ބަތަލާއެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ފަށާފައިވާ ބަތަލާ އާލިއާ ބަޓް ކޯ ޕްރޮޑިއުސް ކުރާ ފުރަތަމަ ވެބް ސީރީސްގެ ޕޯސްޓަރާ އެކު މި ވެބް ސީރީސް އެމޭޒަން ޕްރައިމްގައި ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.

"ޕޯޗާ"ގެނަމުގައި އުފައްދާ މި ވެބް ސީރީސްއަކީ ނެޓްފްލިކްސްއިން ގެނެސްދިން މަގުބޫލު ކްރައިމް ޑްރާމާ ދެއްލީ ކްރައިމްގެ ޑައިރެކްޓަރު ރިޗީ މެހެތާގެ ޑައިރެކްޓް ކުރާ ސީރީސްއެކެވެ.

ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ކާމިޔާބު ފިލްމީ ބަތަލާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމު "ޑާލިންގްސް"އަކީ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. އިންޑިއާގެ ޤައުމީ އެވޯޑް ހާސިލުކޮށްފައިވާ ބަތަލާ ކޯ ޕްރޮޑިއުސް ކުރާ މި ވެބް ސީރީސް އަކީ ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ އިންވެސްޓިގޭޓިވް ކްރައިމް ސީރީޒްއެކެވެ.

މި ސީރީޒްއިން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ނިމިޝާ ސަޖަޔާން، ރޯޝަން މެތިއު އަދި ދިބިޔަންދު ބަޓަޗަރިއާ ހިމެނެއެވެ.

ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އަދި ބަތަލާ އާލިއާ ބަޓް-- ފޮޓޯ/ފިލްމުފެއަނިވްސް

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އެމޭޒަން ޕްރައިމްއިން ސްޓްރީމް ކުރަން ނިންމާފައިވާ "ޕޯޗާ" ސީރީޒްއަކީ ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެޓާނަލް ސަންޝައިންއާ ގުޅިގެން ޑައިރެކްޓަރު ރިޗީ މެހެތާ އުފައްދާ ސީރީޒްއެކެވެ. އިންޑިއާގެ ޖަންގައްޔެއްގެ ތެރޭގައި ހިންގާ ވަރަށް ނުރައްކާތެރި ރޭވުންތަކެއް ދައްކުވައިދޭ މި ސީރީޒް އަކީ ބެލުންތެރިން ޝައުގުވެރިވާނެ ސީރީޒްއަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ޑައިރެކްޓަރު ރިޗީ މެހެތާ ވަނީ ބުނެފައެވެ.

ބަތަލާ އާލިއާ ބަޓް އިތުރު ފިލްމީ މަސައްކަތެއްގައި މަޝްއޫލުވެފައިވާއިރު ދަރުމާ ކުންފުނީގެ ފިލްމު "ޖިގްރާ"ގައި އާލިއާ އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"އަށް އާލިއާ ވަނީ ފިރިމީހާ ރަންބީރާ އެކު ސޮއިކޮށްފައެވެ.