ކައުންސިލްތަކުގެ އިހްތިޞާސުގައި ނެތް ފަޅު ރަށްތައް ވެސް ލިބޭ ގޮތަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތަކަށް ފިޔަވައި އެހެން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވައިދުގައިވާ ގޮތަށް، މިހާރު ވެސް ހުރިހާ ކައުންސިލްތަކުން ރަށްތައް ހޯދުމަށް މަސައްކަތްކުރުމަށް އެދޭ ކަމަށާއި އެއީ އާމްދަނީ އިތުރުކުރުމަަށް އޮތް ރަނުގެ ފުރުސަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ކައުންސިލްތަކަށް މި ކަމަށް ބާރު އެޅުއްވީ މިހާރު ތ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ކޮށްދެެވެން އޮތް އެންމެ މުހިންމު ކަމަކީ ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ. އެގޮތުން މިހާރު ގެޒެޓުކޮށްފައިވާ ގަވައިދަކީ އެ ކަމަށް ފަހިކޮށްދޭން ތައްޔާރުކުރި އާ މޮޑެލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އެ އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކައުންސިލުން އެދޭ ގޮތަށް އެންމެ ރަނގަޅަކަށް ކައިރީގައި އޮތް ރަށެއް ވިޔަސް އަދި ތަންކޮޅެއް ދުރުގައި އޮންނަ ރަށެއް ވިޔަސް ހުސްކޮށް އޮތް ރަށެއްކަމަށް ވަންޏާ ކައުންސިލާ ހަވާލުކުރުމުގެ ކަންތައް ކުރިއަށް ގެންދާނަން،" ވަންދޫ ރައްޔިތުންނަށް ވެސް އެ ކަމަށް ގޮވައިލައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދޫކުރާ ރަށުގައި އިގްތިޞާދީ މަސައްކަތްކުރާނީ ރައްޔިތުން ކަމަށާއި އޭރަށް ފައިދާވާނީ ވެސް ހަމަ އެ ރަށެއްގެ ރައްޔިތުން ކަމަށެވެ. ވަކި އިންވެސްޓަރަކަށް ހުރިހާ ރަށެއް ދިގުމުއްދަތަށް ދިނުމަކީ ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މީ އަލަށް ކުރެވޭ ކަމެއް. މިއީ ވަރަށް ބޮޑު ފުރުސަތެއް ދެވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަގީގީ ކުރިއެރުން ލިބޭނީ އަމިއްލަ ބާރުވެރިކަމެއް ލިބިގެން ކަމަށެވެ.

ހައުސިން މިނިސްޓްރީން މިހާރު ގެޒެޓްކޮށްފައިވާ ގަވައިދުގައިވާ ގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިޞާސްގައި ނުހިމެނޭ ފަޅުރަށެއް ނުވަތަ ފަޅުރަށުން ބައެއް ހޯދުމަށް އެދި ކައުންސިލްތަކުން ހުށަހަޅާއިރު، އެ ރަށެއްގައި ކުރަން ބޭނުންވާ ކަމެއްގެ ތަފްސީލީ ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ.

އަދި އެ ރިޕޯޓުގައި އެ ތަނެއްގައި ކުރާ މަސައްކަތަކާ ސަރުކާރުގެ ތަރައްގީގެ ޕްލޭނާ ގުޅުންހުރި މިންވަރު ވެސް ބަޔާންކުރަން ޖެހެއެވެ.

އިހްތިޞާސްގައި ނެތް ފަޅު ރަށެއް ކައުންސިލަކަށް ދޫކުރާނީ 10 އަހަރަށެވެ.