07 Feb 2024, 23:12
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ހެލްތު އެގްޒިބިޝަން 'ހެލްތު އެންޑް ވެލްނެސް އެކްސްޕޯ 2024' އަންނަ އޭޕްރީލް މަހު އޮންނާނެކަމަށް މައު ހޯލްޑިންގްސްއިން ބުނެފިއެވެ.
މި އެގްޒިބިޝަން ބާއްވަނީ މައު ހޯލްޑިންގް، އެމްވީ މެޑިކަލްސް އަދި ސޯލްޓް ވޯޓާ ގުޅިގެން އެޕްރިލް 18، 19 އަދި 20ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރި އެރުވުމަށްޓަކައި، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރި ކުރުވައި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އަމާޒު ހިފައި ބާއްވާ އެކްސްޕޯއެކެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާއިން ލިބެންހުރި ޚިދުމަތްތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމާއި، ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދީ، ރާާއްޖެ އާއި މިސަރަހައްދުގައި ހިމެނޭ ގައުމުތަކުން ލިބެންހުރި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ
ގޮތަކަށް މުޖުތަމައު އަހުލުވެރި ކުރުވުމަކީ މި އެކްސްޕޯގެ މަގުސަދެކެވެ.
މި އެކްސްޕޯ ވާނީ އެކްސްޕޯގައި ބައިވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ކަމަށް މައު ހޯލްޑިގްއިން ބުނެއެވެ.
ސިއްހީ ދާއިރާއާ ގުޅުންހުރި ޚިދުމަތެއް ދޭ ފަރާތެއް ނަމަ އެކްސްޕޯގައި ބައިވެރި ވެވޭނެއެވެ. އެގޮތުން އެކްސްޕޯގައި ބައިވެރި ވެވޭނެ ދާއިރާތަކުގެ ތެރޭގައި:
ހޮސްޕިޓަލް/ ކްލިނިކްސް
- މެޑިކަލް ލެބްސް
- ފާމަސޫޓިކަލް/ ފާމަސީ
- ބިއުޓީކެއާ/ އޮޕްޓިކަލްސް
- ފުޑް އެންޑް ނިއުޓްރިޝަން
- ހެލްތް އިންޝުރެންސް
- މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީ
- ދިވެހި ބޭސް އަދި ސްޕާ
- މެޑިކަލް ޓުއަރިޒަމް ފެސިލިޓޭޓާސް
- ފިޓްނަސް ސެންޓާސް
- އެއާލައިންސް
- މެޑިކަލް ރިސާޗާސް
- އައޓީ ސޮލިއުޝަންސް އެންޑް އިންފްރާސްޓްރަކްޗާ ކުންފުނިތައް
- ދިވެހި ބޭސް ފަރުވާދޭ ތަންތަން
- ކުލަބް ޖަމިއްޔާތައް
މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކްސްޕޯގެ އަށް
އީމެއިލް ކުރުމުން ރަޖިސްޓްރޭޝަން ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދު ލިބޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 9743142 ނަމްބަރަށެވެ.