08 Feb 2024, 09:05
އިސްރާއީލު ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓައިލުމަށް އެކުލަވައި ހުށަހަޅައިފައިވާ އާ އެއްބަސްވުމުގެ ދަށުން ހަތަރު މަހާއި 15 ދުވަހަށް ހަނގުރާމަ ހުއްޓައިލުމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ހުށަހަޅައިފިއެވެ.
އެ މުއްދަތުގައި ރަހީނުކޮށްފައިވާ ހުރިހާ އެންމެން މިނިވަންވަންކޮށް، ޣައްޒާގައި ތިބި އިސްރާއީލު ސިފައިން އަނބުރާ ގެންދިއުމާއި، ހަނގުރާމަ ނިންމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ދިއުމަށް ވެސް ހަމާސްއިން ވަނީ ހުށަހަޅައިފައެވެ.
ހަމާސްއިން އެގޮތަށް ހުށަހަޅައިފައި ވަނީ ގަތަރާއި މިސްރު މެދުވެރިވެގެން ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓައިލުމަށް ހުށަހެޅި ހުށަހެޅުމުގެ ރައްދުގައެވެ. އާ އެއްބަސްވުމުގެ ދެލިކޮޕީ އެކުލަވައިލާފައިވަނީ ގަތަރާއި މިސްރުން އިސްވެ އެމެރިކާއާއި ޔަހޫދީންނާ އެކު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.
ހަމާސްގެ ހުށަހެޅުމާއި ގުޅިގެން އިސްރާއީލުން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ. ހަމާސް ޖަމާއަތް ނައްތާލުމަށް ފަހު ނޫނީ ޣައްޒާގެ ތިބި އިސްރާއީލު ސިފައިން ނުފައިބާނެ ކަމަށް އިސްރާއީލުން މީގެކުރިން ވަނީ ބުނެފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ހުށަހެޅުމުގައި ތިން މަރުހަލާއެއް އޮވެއެވެ. އެއިން ކޮންމެ މަރުހަލާއެއް ވެސް 45 ދުވަހުގެ މުއްދަތަށް ދިގުދެމިގެންދާނެއެވެ. އެގޮތުން ފުރަތަމަ 45 ދުވަހުގެ މަރުހަލާގައި ހަމާސްއިން ރަހީނުކޮށްފައިތިބި އިސްރާއީލުގެ ހުރިހާ އަންހެނުންނާއި 19 އަހަރުން ދަށުގެ ފިރިހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން މިނިވަންކުރާނެއެވެ. އަދި، ހަމަ އެ މަރުހަލާގައި ޣައްޒާގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި ތިބި އިސްރާއީލުން ސިފައިން ވެސް އަނބުރާ ގެންދާނެއެވެ.
ދެވަނަ މަރުހަލާގައި ބާކީ ތިބި ފިރިހެން ރަހީނުން ދޫކޮށްލުމާއި ޣައްޒާގެ ހުރިހާ ސަރަހައްދެއްގެ ބޯޑަރުތަކުން އިސްރާއީލުގެ ސިފައިން ފޭބުން ހިމެނެއެވެ. އަދި، ތިންވަނަ މަރުހަލާގައި ޝަހީދުކޮށްލައިފައިވާ ފަލަސްތީނުގެ މުސްލިމުންނާއި މަރުވެފައިވާ އެހެން މީހުންގެ ހަށިގަނޑުތައް ބަދަލުކުރާނެއެވެ. އޭގެ އިތުރުން، ބަނޑުހައިހޫނުކަމާއި އަސާސީ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ ބޮޑު ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ ނިކަމެތި އާންމުންނަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތައް ފޯރުކޮށްދިނުން އިތުރުކުރާނެއެވެ.
އެ އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކަށް އިސްރާއީލުގެ ރުހުން ހޯދުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ އިސްރާއީލަށް ވަޑައިގަންނައިވައިފައެވެ. ބްލިންކެން އިސްރާއީލަށް ވަޑައިގެންފައިވަނީ މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި މިސްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީއާ ވެސް ބައްދަލު ކުރެއްވުމަށް ފަހުއެވެ.
ނަމަވެސް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްގެ ހުށަހެޅުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި، އިސްރާއީލު ފައުޖުތަކުން ޣައްޒާއިން ފައިބާނީ ހަމާސްއަށް ދެކޮޅަށް ފުރިހަމަ ކުރިއެރުމަށް ހޯދުމަށް ފަހުގައި ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
އެ އެއްބަސްވުމަށް އިސްރާއީލުން އެއްބަސްކުރުވަން ސައުދީ އަރަބިއްޔާއިން ވަނީ ހަރުކަށި ޝަރުތުތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލު ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނަށް ދާއިމީ ނިމުމެއް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުން ހިމެނެއެވެ. ސައުދީ އަރަބިއްޔާއިން ބުނީ ޔަހޫދީންނާ އެކު ސިޔާސީ ގުޅުން ގާއިމުކުރުމުގެ މަޝްވަރާތައް އަލުން ފަށާނީ އެ ޝަރުތުތައް ފުރިހަމަ ކުރުމުން ކަމުގައެވެ. ޔަހޫދީންނާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރުމަކީ އެމެރިކާއިން ބާރުއަޅަމުންދާ ކަމެކެވެ.