08 Feb 2024, 11:30
ޖިންސީ ކުށްތަކާއި ނުރައްކާތެރި އެކި ކަހަލަ ކުށްތައް ސާބިތުވާ މީހުންނަށް އިއްވާ ޖަލު ހުކުމުގެ މުއްދަތު ހަމަވިޔަސް، އެ މީހަކީ އަލުން ކުށް ކޮށްފާނެ ކަމަށް ބެލެވޭ މީހެއް ނަމަ، މުއްދަތެއްނެތި ޖަލުގައި ބަންދުކުރެވޭނެ ގޮތަށް ސިންގަޕޫރުގައި ގާނޫނެއް ހަދައިފިއެވެ.
އެ ގާނޫނުގެ ދަށުން މުއްދަތެއްނެތި ޖަލުގައި ބަންދުކުރެވޭނީ އުމުރުން 21 އަހަރުން މަތީ މީހުންނެވެ.
ލޯ އެންޑް ހޯމް އެފެއާޒް މިނިސްޓަރު ކޭ. ޝަންމުގަމް ޕާލިމެންޓުގައި ވިދާޅުވީ "އެންހާސްޑް ޕަބްލިކް ޕްރޮޓެކްޝަން" (އެސްއީޕީޕީ)ގެ ނަން ދީފައިވާ މި ގާނޫނުން މުޖުތަމައަށް އިތުރު ރައްކާތެރިކަން ހޯދައިދޭނެ ކަމަށެވެ.
އާ ގާނޫނުގެ ދަށުން ޖަލު ހުކުމް ފުރިހަމަ ކުރުމަށް ފަހު އޮޓޮމެޓިކުން ދޫކޮށްލުމުގެ ބަދަލުގައި އެފަދަ ކުށްވެރިންނަކީ މުޖުތަމައަށް ނުރައްކަލެއް ނޫން ކަމަށް ނިންމާނީ ހޯމް އެފެއާޒް މިނިސްޓަރެވެ.
މިނިސްޓަރަށް ލަފާ ދެއްވާނީ ރިޓަޔާޑް ފަނޑިޔާރުންނާއި ވަކީލުންނާއި ނަފުސާނީ ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުން ފަދަ ތަޖުރިބާކާރުން ހިމެނޭ ރިވިއު ބޯޑަކުން ކަމަށާއި ކުށްވެރިޔާއާއި އޭނާގެ ވަކީލުންނަށް ބޯޑަށް ތަމްސީލު ކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެއެވެ. ދޫކޮށްލުމަށް ޝަރުތު ހަމަނުވާ ކަމަށް ފެންނަ މީހުންގެ މައްސަލަ އަހަރަކު އެއްފަހަރު މުރާޖައާ ކުރާނެއެވެ.
އެމެރިކާގެ 20 ސްޓޭޓެއްގައި ވެސް ވަނީ އެފަދަ ގާނޫނެއް ހަދައިފައެވެ.
ސިންގަޕޫރަކީ އާންމު މުދަލަށް ގެއްލުން ދިނުމުގެ ކުދި ކުށްތަކުގައި ބޮޑެތި އަދަބު ދޭ ގައުމެކެވެ.