08 Feb 2024, 15:49
ތ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މީސްކޮޅު މަދު ރަށެއްކަމަށްވާ ގާދިއްފުއްޓަށް ދިމާވެފައި އޮތް ބިމުގެ ދަތިކަން ހައްލުކުރުމަށް ޓަކައި މި އަހަރު ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއީ ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނެ ފަހު ރަށެވެ.
ގާތްގަނޑަކަށް 250 އެއްހައި މީހުންގެ އާބާދީއެއް އޮންނަ މި ރަށަށް ދިމާވެފައިހުރި އެކި ދަތިތަކުގެ ތެރޭގައި ސްކޫލުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ހަލާކުވެފައި އޮތުން ހިމެނެއެވެ.
މި ކަންކަމަށް އަލިއަޅުއްވައިލައްވައި، ރައީސް ވިދާޅުވީ މި ރަށުގެ ބަނދަރު މަޝްރޫއު މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަޝްރޫއު ހިނގަމުން އަންނައިރު، މި ރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ހިންގަވާނެެކަމަށެވެ.
"އެއާޕޯޓާއެކީގައި [ގުރައިދޫގައި] އެ މަޝްރޫއު ހިނގަމުން ދާއިރުގައި ބިން ހިއްކުމުގެ މަޝްރޫއެއް ވެސް މި ރަށަށް އެއާ ގުޅުވައިލައިިގެން ކުރިއަށް ގެންދާ ގޮތަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެހެންވީމާ ވައުދުވީ ގޮތަށް އެކަން ކޮށްދޭނެ ވާހަަކަ އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މި ރަށުގައި ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މި އަތޮޅު ގުރައިދޫގައި އަޅައި އެއާޕޯޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި އެ މަޝްރޫއު މި އަހަރު ތެރޭ ފެށޭނެކަމަަށް އުންމީދުކުރައްވައިގެން ތިއްބެވުމަށް ރައީސް އެދިވަޑައިގަތެވެ.
މި ޖަލްސާގައި ވެސް ރައީސްވަނީ މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް 'ކަޑަ' ނުޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އަދި ވައުދުތައް ފުއްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސްވަނީ ކޮންމެ ރަށަކުން ވެސް ރައްޔިތުން އެ ރަށެއްގައި ހިންގަން އެންމެ އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ތަރުތީބުކުރުމަށް އެ އެދިވަޑައިގެންފައެވެ.