ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދިވެހި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކާއި ވައުދުފުޅުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައީސްވަނީ، 53 ދުވަހުގެ ތެރޭގައި 153 ރަށަކަށް ޒިޔާރަތްކުރައްވާފައި ކަމަށެވެ.

އެގޮތުން ތަފާތު އެކި އިންތިޚާބީ ހަރަކާތްތަކުގައި، ދިވެހި ޤައުމުގެ ޙާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ވާހަކަފުޅު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ފޮތުގައި 1024 ސަފުހާ ހިމެނޭއިރު، ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުތައް ވަކިން ފާހަގަކޮށްދެއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް މި ފޮތުގައި ވަނީ ހިމަނާފައެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތަކާއި، އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގައި އެކުލަވައިލައްވާ އާންމުކޮށް ޝާއިޢުކުރެއްވި ފުރަތަމަ ފަހަރު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއީ ދިވެހި ގައުމުގެ އެންމެ މަތީވެރިއަކު ގައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރު ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި ފޮތުގައި ހިމެނޭ ވާހަކަތައް ވަކިން ބަލައިލުމުގެ އިތުރުން މުޅި ފޮތް ޕީޑީއެފްކޮށްރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްމެދުވެރިކޮށް ޑައުންލޯޑްކުރެވޭނެއެވެ.

މީގެއިތުރުން، ރައީސް އޮފީހުން ބުނެފައިވަނީ މި މަހުގެ ތެރޭގައި ފޮތް ޗާޕުކޮށް ސަރުކާރުގެ އިދާރާތަކަށާއި ސްކޫލްތަކަށާއި ލައިބްރަރީތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކާއި ވައުދުތައް ހިމެނޭ ފޮތެއް ޗާޕުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.