09 Feb 2024, 22:14
ރޯދަމަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވާތްތައް ރަޖިސްޓްރީނުވެ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސިޓީގައި ކާޑު ބޭނުންވާ މީހުން އެކަމަށް އެދެން ރަޖިސްޓްރީވާ ގޮތަށް އޮތުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އެެހެންވެ މާލޭގެ ގޭބިސީތަކަކަށް ރަޖިސްޓަރުނުުވެ އެ ތަކެތި ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ.
ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ހިލޭ ބަހަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައެވެ.
އޭގެ ކުރިން އެ މަނިކުފާނު ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ތުރުކީއާ އެކު މިހާރު އެއްބަސްވެ، ފުރަތަމަ ޝިޕްމަންޓަށް އޯޑަރު ދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަދި ދަންނަވަންތޯ ލިބޭގޮތަށް ހަމައެކަނި ހަމަޖެއްސީއެއް ނޫން. މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކައި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު އެ އަދަދު އެއަށް ވުރެ އިތުރުކުރުން ކަމަށެވެ.