09 Feb 2024, 23:00
ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން، އެ ގައުމުން ފާހަގަކުރާ މި ފެށޭ ހަނދުމަހުގެ އާ އަހަރާއެކު ލިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައި މުނާސަބާގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގައުމަށް ފޮނުއްވައިފިއެވެ.
ޗައިނާއިން ފާހަގަކުރާ 'ލޫނާ ނިއު އިޔާ' ނުވަތަ ހަނދުމަހުން ފާހަގަކުރާ އާ އަހަރާ ގުޅިގެން، ޗައިނާގެ ޝިންހުއާ ނިއުސް މެދުވެރިކޮށް ޗައިނާ ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ އެއީ އެކުވެރިކަމާއި، ކުރިއެރުމާއި ފާގަތިކަން ރަމްޒުކޮށްދޭ މުނާސަބާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު "އުންމީދު ކުރަނީ މި މުނާސަބާއަކީ އުފާވެރިކަމާއި، ކާމިޔާބު ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށް ވެސް ލިބޭނެ މުނާސަބާއަކަށްވުން،" ކަމަށެވެ.
އަދި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންގެ ފަރާތުންނާއި އެ މަނިކުފާނުގެ ނަންފުޅުގައި ރައީސްވަނީ ފޮނުއްވައިފައެވެ.
ޗައިނާއިން އެންމެ ކުލަގަދަކޮށް ފާހަގަކުރަމުން ގެންދާ ލޫނާ ނިއު އިޔާ އަކީ އެންމެ ގިނަ ބައެއް ފާހަގަކުރާ އުފާވެރި ބޮޑު ދުވަހެކެވެ.