ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅަން ބާކީ ހަތަރު ދުވަހަށް ވެފައި ވާއިރު، އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހެޅީ 18 ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ކަމުގައި އީސީން ނިންމީ މާޗް 17އެވެ. ނަމަވެސް އެ ދުވަސް ރަމަޟާން މަހާ ދިމާވާތީ މަޖިލީހުން ވަނީ ރަމަޟާން މަަހަށް ފަހު ދިހަ ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފައެވެ. އެހެންކަމުން އިންތިޚާބު ބައްވާނެ ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވަނީ، މަޖިލިސް އިންތިޚާބު އޮންނަ ދުވަސް ބަދަލުވި ކަމުގައި ވީނަމަ ވެސް، ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ބަދަލު ނުކުރާނެ ކަމަށެވެ.

އަދި ފޯމު ހުށަހަޅަން ހުޅުވާލިތާ މިހާރު 12 ދުވަސް ވެފައި ވާކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ، އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާނެ ކަމަށެވެ.

"މިހާތަނަށް އީސީއަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމު. އިއްޔެ ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ ދެ ފަރާތަކުން ހުށަހެޅުއްވި ދެ ފޯމު. މި ތިން ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައި،" ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަގުތު ކުޑަތަން ވުމުން ފޯމު ހުށަހަޅައިފި ނަމަ، ފޯމުގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ފޯމު އިސްލާހް ކުރަން ފުރުސަތު ނުލިބިދާނެ ކަމަށެވެ.

ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އެހެންކަމުން އަންނަ 20ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.