ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑް އާއި އެސްސީ ފްރެއިބާގް ބައްދަލުކުރި މެޗު ޑޯޓްމުންޑް ކާމިޔާބު ކޮށްފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑްއިންނެވެ. މިމެޗު ޑޯޓްމުންޑްއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 16 ވަނަ މިނެޓްގައި ޑޯޓްމުންޑްއިން ވަނީ މިމެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޮންޔެލް މާލެންއެވެ.

ފަހަކަށް އައިސް ބުންޑަސްލީގާގެ މެޗުތަކުގައި ދިމާވަމުންދާ ކުޅިބެލުންތެރިން ދަނޑަށް އެއްޗެހި އުކުމުގެ ސިލްސިލާ މިމެޗުގައިވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މެޗުގެ 36 ވަނަ މިނެޓްގައި ޑޯޓްމުންޑްގެ ސަޕޯޓަރުންވަނީ ދަނޑު މައްޗަށް ޓެނިސް ބޯޅަ އާއި ރަން ކުލައިގެ ކަރުދާސްލީ ޗޮކްލެޓް ކޮއިން އުކާފައެވެ. މިކަމުގެ ސަބަބުން މެޗު 10 މިނެޓަށް ކުޅުން ހުއްޓާލަން ޖެހުނެވެ.

ބުންޑަސްލީގާގެ ޓީވީ ރައީޓްސްގެ ބައެއް ވިއްކާލުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގިނަ ކްލަބްތަކުން ވޯޓު ދިނުމާއެކު، ހުރިހާ ކްލަބްތަކެއްގެ ސަޕޯޓަރުންވެސް އޭގެ ފަހުން ކުޅޭ ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް އަންނަނީ ހިތްހަމަނުޖެހުން އަންނަނީ ފާޅުކުރަމުންނެވެ.

މިމެޗުގައި ޑޯޓްމުންޑްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން މާލެންއެވެ. މިމެޗުގައި ޑޯޓްމުންޑްގެ ތިންވަނަ ލަނޑު ޖަހައިދިނީ 31 ވަނަ އުފަން ދުވަސް ފާހަގަ ކުރަމުންދިޔަ ނިކްލަސް ފުލްކްރޫގްއެވެ. މިމެޗުގައި އޭނާ މިލަނޑު ޖެހުމުގެ އިތުރުން ކުރިން ޖެހި ދެލަނޑު ޖެހުމުގައިވެސް ވަނީ އެހީތެރިވެދީފައެވެ.

މިކާމިޔާބީއާއެކު ޑޯޓްމުންޑް މިހާރު އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ޑޯޓްމުންޑް އެންމެ ފަހުން ކުޅުނު ވާދަވެރި އަށް މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ފްރެއިބާގް އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.