10 Feb 2024, 16:12
އިސްލާމް އާބާދު (10 ޖަނަވަރީ 2024) : ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުގެ ވޯޓުގެ ހަތަރުބައިކުޅަ ތިން ބައި ފޮށީގެ ނަތީޖާ ލިބިފައިވާއިރު ބޮޑުތަނުން ކުރީގައި އުޅެނީ ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާންޚާންގެ ޕާޓީގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލި މުސްތަގިއްލު ކެންޑިޑޭޓުންކަން ހާމާވެއްޖެއެވެ.
ނުރަސްމީ ވަގުތީ ނަތީޖާތައް ދައްކާގޮތުން މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލި އިމްރާންޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ ކެންޑިޑޭޓުން ވަނީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކޮށްފައެވެ. ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވަގުތީ ނަތީޖާ ހާމަކުރުންވެސް ލަސްކުރަމުން ގެންދަނީވެސް މި ހަގީގަތާ ގުޅިގެންކަމަށް، ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ތިބެގެން ވަގުތީ ނަތީޖާތައް ހާމަކުރަމުން ގެންދާ ޕްރައިވެޓް މީޑީޔާތަކުގެ ރިޕޯޓަރުން ކަށަވަރު ކޮށްދެއެވެ.
ޕްރައިވެޓް ބައެއް މީޑީއާތައް ބުނާގޮތުން އިމްރާންޚާންގެ ޕާޓީއަށް އިންތިޚާބީ ހުރިހާ ދޮރޮތަކެއް ބަންދުކުރުމަށްފަހު އިމްރާންޚާން އާއި އޭނާގެ ޕާޓީގެ އިސް ލީޑަރުން ޖަލަށްލި ނަމަވެސް މިފަހަރުގެ އިންތިޚާބު ޕާކިސްތާނުގެ ނުފޫޒުގަދަ ސިފައިންގެ މުއައްސަސާ ބޭނުންވި ގޮތަކަށް ނުދިޔަކަންވަނީ ހާމަވެފައެވެ. މިއާއެކު ސިފައިންގެ ނުފޫޒުގައި ވޯޓުގެ ނަތީޖާއާ ކުޅުމުގެ ކަންތައްތައް ކުރިޔަށް ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އިމްރާންޚާންގެ ސަޕޯޓަރުންވަނީ މިހާރުވެސް މިކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އާސިމް މުނީރު
މުހައްލިލުން ދެކޭގޮތުގައި ސިފައިންގެ މުއައްސަސާ ބޭނުން ވަނީ ބޮޑުވަޒީރުކަމަށް ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފު ގެންނާށެވެ. ނަމަވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ނަވާޒް ޝަރީފުގެ ޕާޓީކަމަށްވާ "މުސްލމް ލީގު ނަވާޒް" އަށް ވޯޓެއް ނުލިބެއެވެ. މިއީ ސިފައިން ޕާކިސްތާނުގެ އިންތިޚާބީ ޕްރޮސެސްއަށް ފޯރުވަމުން ގެންދިޔަ ނުފޫޒަށް ރައްޔިތުން މިފަހަރު ދީލައި ނުލިކަން ހާމަވެގެންދިޔަ ކަމެއްކަމަށާ އަސްކަރިއްޔާގެ ރޭވުން މިފަހަރު ކާމިޔާބު ނުވި ކަމަށް މުހައްލިލުން ދެކެއެވެ.
އިމްރާންޚާންގެ "ތަހްރީކް އިންސާފު ޕާޓީ" ގެ ކެންޑިޑޭޓުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާން ޖެހުނީ އެ ޕާޓީގެ ލޯގޯ ޖަހައިގެން ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރުން ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން މަނާ ކުރުމާ ގުޅިގެންނެވެ. އިންތިޚާބާބެހޭ ކޮމިޝަންގެ މި ނިންމުމުގެ ފަހަތުގައި ވެސް ވަނީ ސިފައިންގެ މުއައްސަސާ ކަމަށް ވަނީ ބެލެވިފައެވެ.
ބޭރުގެ މުރާސިލުން ބުނާގޮތުގައި ޕާކިސްތާނުގެ އިންތިޚާބަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަކި ގޮތަކަށް ނަތީޖާ ނެރުމަށް ސިފައިން ފޯރުވަމުން ގެންދާ ބާރާއި ނުފޫޒެވެ. އަނެއް ގޮންޖެހުމަކީ މި ނުފޫޒާއެކު ޕާކިސްތާނުގެ ރައްޔިތުން (ޚާއްސަކޮށް އިމްރާންޚާންގެ ސަޕޯޓަރުން) ގެ ރުޅިވެރިކަން އިތުރުވުމާ އަދި މި ހިތްހަމަނުޖެހުމާއެކު ކުރިމަތިވެފައިވާ އަމަނާބެހޭ ނުރައްކާތަކެވެ.
އިންތިޚާބުގެ ތެރޭގައި އަމަނާބެހޭ އެތައް މައްސަލަތަކެއް ކުރިމަތިވިއެވެ. މީގެ ތެރޭގައި ކެންޑިޑޭޓުންނަށް ހަމަލާދިނުމާއި ބޮން ގޮއްވުމާއި ބިރުދެއްކުމުގެ އަމަލުތައް ހިމެނެއެވެ. ބިރުދެއްކުމުގެ އަމަލުތަކާ ބޮޑަށް ކުރިމަތިލާން ޖެހިފައިވަނީވެސް އިމްރާންޚާންގެ ޕާޓީއަށް ނިސްބަތްވާ މުސްތަގިއްލު ކެންޑިޑޭޓުންނަށެވެ. ބޮންގޮއްވުމުގެ އަމަލުތަކުގައި އިމްރާންޚާންގެ ޕާޓީއަށް ނިސްބަތްވާ ދެ މީހަކު މަރުވެ ވިއްސަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ.
މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާންޚާންގެ ޕާޓީއަށް ނިސްބަތްވާ މުސްތަގިއްލު 98 ކެންޑިޑޭޓުންގެ ތެރެއިން 88 ކެންޑިޑޭޓަކު ވަނީ އެ ބޭފުޅުންގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. މިއާ ޚިލާފަށް ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ބަލާއިރު ނަވާޒް ޝަރީފުގެ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެވުނީ އެންމެ 69 ކެންޑިޑޭޓުންނަށެވެ.
ބިލާވަލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެވިފައިވަނީ އެންމެ 51 ކެންޑިޑޭޓުންނަށެވެ. މި ނޫން ޕާޓީތަކަކީ ކުދި ޕާޓީތަކެވެ. އެ ޕާޓީތަކުގެ ތެރެއިން އެއްވެސް ޕާޓީއަކަށް 25 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރެވިފައި ނުވާ ކަމަށް ވެއެވެ. ނުވެއެވެ.

ނަވާޒް ޝަރީފު ވެރިކަންކުރެވޭ ވަރަށް ރައްޔިތުންގެ ތާއީދެއްނެތް
އިމްރާންޚާންގެ ޕާޓީގެ ކެންޑިޑޭޓުން އެ ޕާޓީގެ ނަމުގައި ކުރިމަތިލުމުގެ ފުރުސަތު ދިންނަމަ 88 ގޮނޑީގެ މި ނަތީޖާއިން އެ ޕާޓީއަށް ސަރުކާރު އެކުލަވާލައި އަލުން ވެރިކަމަށް އައުމުގެ ފުރުސަތު އެއްވެސް މައްސަލައެއް ނެތި ލިބުނީހެވެ. ނަމަވެސް މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި އެ ބޭފުޅުން ތިއްބަވައިގެން ގޮނޑިތައް ކާމިޔާބު ކުރެއްވުމުން ސަރުކާރު އެކުލަވާލައި ވެރިކަމަށް އައުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ޖެހޭނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާށެވެ. ކޯލިޝަން ހަދާއިރު އެކަތި ގަނޑަކަށްވެގެން ބާރު ދެއްކިދާނެއެވެ.
ޕާކިސްތާނުގެ ޕާލަމެންޓްގައި ހިމެނެނީ 342 ގޮނޑިއެވެ. ވެރިކަމަށް އައުމަށްޓަކައި 169 ގޮނޑީގެ އަޣްލަބިއްޔަތެއް ބޭނުންވާނެއެވެ. ޕާޓީތަކަށް ބަލާއިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ނަވާޒް ޝަރީފުގެ ޕާޓީންނެވެ. ސަރުކާރެއް އެކުލަވާލާނަމަ އެ ޕާޓީއަށް ޖެހޭނީ އެހެން ޕާޓީތަކާ ނޫނީ މުސްތަގިއްލު ކެންޑިޑޭޓުންނާއެކު ކޯލިޝަން ހަދައިގެން 169 ގޮނޑި ހޯދާށެވެ. އެންމެ 69 ގޮނޑި ލިބިފައިވާ ނަވާޒް ޝަރީފުގެ ޕާޓީއަށް މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
ވަގުތީ ނަތީޖާއިން މި ހަގީގަތް ހާމަވުމާއެކު ދެއްވި ބަޔާނެއްގައި ނަވާޒް ޝަރީފު ވަނީ އަމިއްލައަށް ސަރުކާރެއް އެކުލެވާލެވޭ ވަރާ ގާތަށްވެސް އޭނާގެ ޕާޓީއަށް ގޮނޑި ލިބިފައި ނުވާ ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. މިއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެހެން ޕާޓީތަކަށާއި މުސްތަގިއްލު ކެންޑިޑޭޓުންނަށް އޭނާ ދެއްވިއެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ޕާކިސްތާނުގެ ސިފައިން އިންތިޚާބުގެ މައްޗަށާ އަދި ޕާކިސްތާނުގެ ސިޔާސީ މަސްރަހުގެ މައްޗަށް (ޚާއްސަކޮށް އިމްރާންޚާން އާ ދެކޮޅަށް) ބާރާއި ނުފޫޒު ނުހިންގިނަމަ އިމްރާންޚާންގެ ޕާޓީ ބޮޑު އަޣްލަބިއްޔަތަކުން މި އިންތިޚާބު ކާމިޔާބު ކުރާނެއެވެ. އަދި އިމްރާންޚާން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީހެވެ. މި ހުރިހާ ނުފޫޒަކާ އެކުވެސް އިމްރާންޚާންގެ ޕާޓީއަށް ނިސްބަތްވާ މުސްތަގިއްލު ކެންޑިޑޭޓުން މި ވަނީ ޕާލަމެންޓްގެ 88 ގޮނޑި ކާމިޔާބުކޮށްފައެވެ.
އިމްޜާން ޚާންގެ ބޮޑުވަޒީރުކަމުގެ ކުރީކޮޅުގައި އޭނާއަށް ސިފައިންގެ ރުހުން އޮތެވެ. ސިފައިންގެ ރުހުން އޭނާއަށް ގެއްލި އެ މުއައްސަސާގެ ރުޅިވެރިކަން އޭނާއަށް އަމާޒުވީ ސިފައިންނަށް ދޭ ބަޖެޓް ކުޑަކޮށް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅު ކުރުމަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބަޖެޓް ބޮޑުކުރުމަށް އިމްރާންޚާން ނިންމަވައި އެގޮތަށް އަމަލުކުރެއްވުމުންނެވެ.
މީގެ އިތުރުން ސިފައިން ނޭދޭގޮތަށް ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރަން ފެށުމަކީވެސް ސިފައިންގެ ނުރުހުން އިމްރާންޚާންއަށް އަމާޒުވި މައިގަނޑު ސަބަބެކެވެ. މީގެތެރޭގައި އެމެރިކާގެ އެދުންތަކަށް ބޯ ނުލެނބުމާއި ރަޝިއާ އާ ގާތްވުމުގެ ސިޔާސަތެއް އިމްރާންޚާން ގެންގުޅުއްވުމާއި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ޖާސޫސު ކުރުމަށް ބޭނުންވާ ވަސީލަތްތައް ޕާކިސްތާނުގެ އެތެރޭގައި ގާއިމް ކުރުމުގެ ފުރުސަތު އެމެރިކާއަށް ދިނުމަށް އިމްރާންޚާން ދެކޮޅު ހެއްދެވުން ހިމެނެއެވެ.
އެމެރިކާ ރުޅިއައި ނަމަވެސް ޗައިނާއާ ގާތްވުމަކީ ޕާކިސްތާން ސިފައިން އެދޭކަމެކެވެ. ތާއީދުކުރާ ކަމެކެވެ. އެެހެންކަމުން އިމްރާންޚާން ގެންގުޅުއްވި ޗައިނާއާ ގާތްވުމުގެ ސިޔާސަތަށް ސިފައިން ދެކޮޅެއް ނުހަދައެވެ. ޗައިނާއަކީ ޕާކިސްތާންގެ އެންމެ ބޮޑު އިގްތިސާދީ އަދި އަސްކަރީ ބައިވެރިޔާއެވެ. މިކަމަށް ޕާކިސްތާނުގެ ހުރިހާ ޕާޓީތަކާއި އަސްކަރިއްޔާގެ ތާއީދުވެސް އޮވެއެވެ. އެއީ ޗައިނާއަކީ އިންޑިއާއާ ދެކޮޅު ގައުމަކަށްވާތީއާއި ޗައިނާއިން 60 ބިލިޔަން ޑޮލަރުގެ އިގްތިސާދީ ކޮރިޑޯއެއް ޕާކިސްތާނުގައި ގާއިމް ކުރަމުން ގެންދާތީއެވެ. މިއާ ޚިލާފަށް ރަޝިއާ ގާތްވުމަށް ޕާކިސްތާން ސިފައިން ތާއީދެއް ނުކުރެއެވެ.
ދައުރުގެ މެދުތެރެއިން އިމްރާންޚާންގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އޮތްއިރު ސިއްރިޔާތުގައި މިކަމަށް ވާގިވެރިވި ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ. އިމްރާން ޚާންގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށް ޑިމޮކްރަސީއަށް ގޮވާލާ އެމެރިކާ އެއްބާރުލުމާއި ހިއްވަރުދިންކަން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. މިކަން އިމްރާންޚާން ވަނީ އޭނާ ޖަލަށް ނުލަނީސް ވެސް ޖާސޫސީ މައުލޫމާތުގެ އަލީގައި ޕާކިސްތާން ރައްޔިތުންނަށް ހާމަކުރައްވާފައެވެ.
ޕާކިސްތާނުގެ ދައުލަތުގެ ސިއްރު ބޭޒާރުކުރި ކަމުގެ ދައުވާއާ އިމްރާންޚާން އާއި އޭނާގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީގެ މައްޗަށް ކުރީވެސް މި ސަބަބާ ގުޅިގެންނެވެ. އެމެރިކާ ބޭޒާރުވި މި ހަގީގަތާގުޅޭ ލިޔުންތައް ރައްޔިތުންނަށް ހާމަކުރެއްވުމުންނެވެ. މި މައްސަލާގައި މި ދެ ބޭފުޅުންގެ މައްޗަށް މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.