ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު [މާޔަން] މިއަދު ހެނދުނު ކަސްރަތަށް ނުކުމެ އުޅެނިކޮށް ބަޔަކު އޭނާގެ ކަރުގައި އޮތް ފަށް ފޭރިގެންފިއެވެ.

އޭނާ ސޯޝިިއަލް މީޑިއާގައި ކުރި ޕޯސްޓެއަގައި ބުނެފައިވަނީ މިކަން ހިނގާފައިވަނީ ހުޅުމާލޭގައި ކަމަށެވެ. އޭނާ ބުނީ މިކަން ހިނގީ އޭނަ ކަސްރަތަށް ދުވަން ނުކުމެ އުޅެނިކޮށް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:15 އެހާކަންހާއިރު ކަމަށް މާޔަން ވަނީ ބުނެފައެވެ.

މާޔަން ބުނި ގޮތުގައި އޭނާގެ ކަރުގައި ވާނީ ރަން ފަށެކެވެ. އަދި، އޭނާ ހުޅުމާލޭގެ ކްލޭ ސްޑޫޑިއޯ މަގުން ދުވެފައި ދަނިކޮށް ދެ މީހަކު އޭނާ ބިންމަށްޗަށް ވައްޓާލައި ކަރުގައި އޮތް ފަށް ފޭރިގަތީ ކަމަށެވެ.

މާޔަން ބުނީ މިކަން ވުމާ އެކީ އޭނާ ގޮސް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި، އެއްވެސް މީހަކަށް މި ފަށް ބަޔަކު ވިއްކަން އުޅޭކަން އެނގިފައިވާނަމަ ނުވަތަ ފެނެއްޖެ ނަމަ އޭނާއަށް އެންގުމަށް ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު 'ސަން'އަށް ބުނީ، ހުޅުމާލޭ ރީތިގަސް މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެން މައްސަލައެއް މިއަދު ހެނދުނު 6:20 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.