11 Feb 2024, 13:54
އިންޑިއާގެ ކޮޗިންގައި އިއްޔެ އެކްސިޑެންޓުވި ތިން ދިވެހީންގެ ތެރެއިން އެކަކު އައިސީޔޫއިން ނެރުނު ނަމަވެސް އަނެއް ދެ މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް އާއިލާއިން މިއަދު ބުނެފިއެވެ.
އަނިޔާވި މީހުންގެ އާއިލާ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ އައިސީޔޫއިން ނެރުނު މީހާގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު ކަމަށާއި ނަމަވެސް ދެން ތިބި ދެ މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ.
އޭނާ ބުނީ އައިސީޔޫއިން ނެރުނު މީހާގެ މޫނު މަތި އެއްކޮށް އޮތީ ޒަޚަމުވެފައި ކަމަށެވެ. އަދި، އައިސީޔޫގައި އޮތް ދެ މީހުންގެ ތެރެއިން އެކަކުގެ މައިބަދައިގެ ކަށިތަކުގައި ވަނީ ރެނދުލާފައި ކަމަށް ވެސް އޭނާ ވަނީ މައުލޫމާތުދީފައެވެ.
"އެކަކުގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު. ދެން ތިބި ދެ މީހުން އަދިވެސް އައިސީޔޫގައި. އެކަކުގެ ފައި ވަނީ ބިންދައިގެން ގޮސްފައި. އަދި އަނެކަކުގެ މައިބަދައިގެ ކަށިތަކުގައި ވަނީ ރެނދުލާފައި. އެ ކުއްޖާގެ ބޯ ވެސް ފަޅައިގެން ގޮސްފައި ވަނީ،" އާއިލާގެ މެންބަރު ބުންޏެވެ.
އޭނާ ބުނީ ތިން މީހުން ވެސް އޮތީ ކޮޗިންގެ ކިމްސް ހޮސްޕިޓަލުގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެކްސިޑެންޓުގައި ތިން އަންހެނަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު އެއީ ރ. އަލިފުއްޓަށް ނިސްބަތްވާ އާއިލާއެކެވެ.
އާއިލާއިން މީގެ ކުރިން ބުނިގޮތުގައި މި އެކްސިޑެންޓު ހިންގަން މެދުވެރިވީ ހައިވޭގައި ދުއްވާފައި ދިޔަ ކާރު މަޑުކޮށްލި ވަގުތު ފަހަތުން އައި ކާރު ޖެހުމުންނެވެ. އެ ވަގުތު އެ މީހުން ދަތުރު ކުރީ ކޮޗިންއިން ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ޓްރިވިންޑްރަމަށް ދިއުމަށެވެ.