ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިރޭ ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު އިރުއޮށްސި 6:00އިން ފެށިގެން މާދަމާ ހެނދުނު 6:00އަށް ދެކުނާއި މެދުރާއްޖޭތެރޭގެ ބައެއް ރަށްތަކަށް ބޯކޮށްވާރެވެހި ގުގުރާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.

އެ އޮފީހުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ރާޅުހުންނާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ކަމަށެވެ.

މީގެ އިތުރުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓުން ވަނީ ކަނޑުދަތުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.