13 Feb 2024, 06:53
އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު ކުންފުނި ދަރުމާގެ ގޮތްޕެއް ކަމަށްވާ ދަރުމެޓިކް އެންޓަޓެއިންމެންޓްގެ ވެބް ސީރީސް "ޝޯ ޓައިމް" ކުރިއަށް އޮތް މާޗު މަހުގެ އަށްވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ.
ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ، ނަސީރުއްދީނު ޝާހު މުހިއްމު ރޯލް ކުޅެފައިވާ ވެބް ސީރީސްގެ އިތުރުން ތަރިންގެ ތެރޭ ބަތަލާ ޝްރިޔާ ސަރަން އަދި ޓީވީ ތަރިން ކަމަށްވާ މޯނީ ރޯއި، މަހީމާ މަކްވާނާގެ އިތުރުން ރާޖީވް ކަންޑެލްވަލް ހިމެނެއެވެ.
މި ވެބް ސީރީސްއަކީ ދަރުމާ ކުންފުންޏާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން "އަޖީބް ދާސްތާން"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އާޗިތު ކުމާރު އަދި މިހިރު ދެސާއީ ޑައިރެކްޓް ކުރާ ސީރީސްއެކެވެ.
"ޝޯ ޓައިމް"ގެ ޓީޒާއެއް އާއްމުކުރުމަށްފަހު ދަރުމެޓިކް ކުންފުނިން ބުނެފައިވަނީ މިއީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ފަރުދާގެ ފުރަގަހުގައި ހިނގާ ވަރަށް ގިނަ ކަންކަން ބެލުންތެރިންނަށް ދައްކުވައިދޭނެ ސީރީސްއެއް ކަމަށެވެ. އެންމެ އާދައިގެ އާއިލާތަކަށް ނިސްބަތްވާ މީހުންނިން ފެށިގެން ނުފޫޒު ގަދަ ފިލްމީ އާއިލާތަކުން ފިލްމު އިންޑަސްޓްރީއަށް ނުކުންނަން ބޭނުންވާ ތަރިންގެ ބުރަ މަސައްކަތް މި ސީރީސްއިން ފެންނައިރު ނުފޫޒުގެ ބޭނުން ކޮށްގެން ފިލްމީ ދާއިރާއިން ޖާގަ ހޯދާ ތަރިންގެ ވާހަކަތައް ވެސް މި ސީރީސްއިން ފެންނާނެއެވެ.

އިމްރާން ހާޝްމީ ފިލްމު "ޓައިގާ3"ގެ މަންޒަރެއްގައި-- ފޮޓޯ/އިންޓަނެޓް
އިމްރާން ހާޝްމީ އެންމެ ފުރަތަމަ މަސައްކަތް ކުރި ނެޓްފްލިކްސްގެ ވެބް ސީރީސް "ބާޑް އޮފް ބްލަޑް"އަށް ފަހު މިއީ އޭނާ މަސައްކަތްކުރާ ދެވަނަ ވެބް ސީރީސްއެވެ.
"ޝޯ ޓައިމް"އާ ބެހޭގޮތުން އިމްރާން ބުނީ ދިގު މުއްދަތަކަށް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރެވިފައި ހުރުމުން އޭގެ ތަޖުރިބާ މި ވެބް ސީރީސްއިން ވަރަށް ރަނގަޅަށް ދައްކުވައިދޭން ބޭނުންވާ ކަމަށެވެ. އިމްރާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޓައިގާ3"އިންނެވެ.