ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަރިޖިތް ސިންގް އަދި އަންކިތު ތިވާރީ ދިހަ އަހަރަށް ފަހު އަލުން އެކީގައި މަސައްކަތް ކުރަން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިއީ 2013ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާޝިޤީ2"ގެ މިއުޒިކަށް ފަހު ދެ މިއުޒީޝަނުން އެކީގައި މަސައްކަތް ކުރާނެ ދެވަނަ އަލްބަމެވެ.

އަރިޖިތު އައީ އަންކިތަކީ "އާޝިޤީ2" ރިލީޒް ކުރުމުގެ ކުރިން ވެސް ބައެއް ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދިން ދެ ލަވަކިޔުންތެރިންނެވެ. އެހެންނަމަވެސް އަރިޖިތުއާއި އަންކިތުގެ އަޑު ގިނަ ބައެއްގެ ހިތްތަކުގައި ގުގުމާލީ ފިލްމު "އާޝިޤީ2"އަށް ދެ މީހުން އެކީގައި އުފެއްދި ހިތްގައިމު މިއުޒިކަށް ފަހުއެވެ. މި ފިލްމުގެ ލަވަތައް މިއުޒިކް ޗާޓުތަކުގައި ދިގު މުއްދަތަކަށް ރަސްކަން ކުރިއިރު އަދިވެސް ފިލްމުގެ ލަވަތައް މަތިން އާއްމުން ހަނދާންނައްތައެއް ނުލައެވެ.

ފިލްމު "އާޝިޤީ2"ގެ މަންޒަރެއްގައި ފިލްމުގެ ލީޑް ތަރިން ކަމަށްވާ ޝްރަދާ ކަޕޫރު އަދި އަދިތުޔަ ރޯއި ކަޕޫރު-- ފޮޓޯ / ބޮލީވުޑް ހަންގާމާ

އަންކިތާއި އަރިޖިތުގެ ކޮމްބޯއެއް ދިހަ އަހަރަށް ފަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމިކަން އަންކިތު ވަނީ އަމިއްލަ އިންސްޓްގްރާމް ޕޯސްޓެއް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް ދެ ލަވަކިޔުންތެރިން އެކީގައި ކުރަން ނިންމާފައިވާ މަސައްކަތާ ބެހޭ މާ ބޮޑު ތަފުސީލެއް ދީފައެއް ނުވެއެވެ.

ފިލްމު "އާޝިޤީ2"ގެ 'ސުންރަހާ ހެ ނާ ތޫ' އަދި 'ތުމްހީހޯ'އަކީ މި ފިލްމުން އެންމެ ބޮޑަށް އާއްމުންގެ ތަރުހީބު ލިބުނު ދެ ލަވައެވެ.

ޑައިރެކްޓަރު މަހޭޝް ބަޓްގެ މި ފިލްމަށް ފަހު އަރިޖިތާއި އަންކިތަށް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެ ދެ މިއުޒީޝަނުންގެ ކެރިއަރަށް ވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ދާދި ފަހުން ރިލީޒްކުރި ފިލްމު "ފައިޓާ" އަދި "ދުންކީ"ގައި އަރިޖިތުގެ އަޑުން ކިޔާފައިވާ ލަވަތައް ހިމެނޭއިރު އަންކިތު އެންމެ ފަހުން މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެ ތެރޭ "ބަދާއި ދޯ" އަދި "އޭކް ވިލެން" ހިމެނެއެވެ.