ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ 'މަޔޯސައިޓިސް' ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ ސަމަންތާ ރޫތް ޕްރާބޫގެ އަމިއްލަ ޕޮޑްކާސްޓް ޕްރޮގްރާމެއް އާއްމުންނަށް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް އޭނާ ބުނެފިއެވެ.

މި ބައްޔަށް ފަރުވާ ހޯދަން ފެށިކަން އިއުލާނުކުރުމަށް ފަހު ބަތަލާ ވަނީ ހަތް މަސް ދުވަސް ވަންދެން ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިފައެވެ.

އެމޭޒަން ޕްރައިމްއިން އުފައްދާ މަޝްހޫރު ވެބް ސީރީސް "ސިޓަޑެލް އިންޑިއާ"ގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ނިންމައިލުމަށް ފަހު ސަމަންތާ ބުނެފައިވަނީ ދެން ވަގުތު ހުސްކުރަން ބޭނުންވަނީ ތަހައްމަލު ކުރަމުން އަންނަ 'މަޔޯސައިޓިސް' ބައްޔަށް ފަރުވާ ހޯދުމަށް ކަމަށެވެ.

އެހެންނަމަވެސް މަސައްކަތެއް ނެތި ހުންނަން ބޭނުން ނުވާތީ ސަމަންތާ ވަނީ ގާތް ރަޙްމަތްތެރިއަކާ ގުޅިގެން ވަރަށް ތަފާތު މަސައްކަތެއް ފަށާފައި ކަމަށް ބަތަލާގެ އިންސްޓަގްރާމްގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ އިއުލާނުކޮށްފައެވެ. އެންމެ ފަހުން ފިލްމު "ހުޝީ"އިން ފެނުނު ބަތަލާ ވަނީ ސިއްހީ މައުޟޫއުތަކަށް ހާއްސަކޮށްގެން ޕޮޑްކާސްޓް ޕްރޮގްރާމެއް ފަށާފައި ކަމަށާއި މިއީ ސަމަންތާއަށް ވަރަށް ކަމުދިޔަ މަސައްކަތެއް ކަމަށް އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ފިލްމީ ތަރި ސަމަންތާ އަދި ވިޖޭ ފިލްމު "ހުޝީ"ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް

ސަމަންތާގެ މި ޕޮޑްކާސްޓް ޕްރޮގްރާމްތަކުގެ އަލީގައި ތަފާތު އެކި ސިއްހީ ބަލިތަކަށް އާއްމުން ހޭލުންތެރި ކުރުމަށް އުއްމީދު ކުރާކަމަށް 36 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

އަމިއްލަ ޕޮޑްކާސްޓެއް ޕްރޮގްރާމެއްގެ މަސައްކަތް ފަށާފައިވީ ނަމަވެސް ފިލްމީ މަސައްކަތްތަކަށް ބަތަލާ އެނބުރި އަންނާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ. ސަމަންތާގެ ސަޕޯޓަރުން ބަތަލާގެ ފިލްމެއްގެ އިންތިޒާރުގައި ތިބިއިރު ބަތަލާގެ އުއްމީދަކީ މި އަހަރު ފިލްމީ މަސައްކަތްތަކަށް އެނބުރި ނުކުތުން ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.