މާލޭގެ އިމާރާތެއްގެ މަތިން މިއަދު ވެއްޓުނު މީހާ މަރުވެއްޖެއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެ މީހާ މިއަދު މެންދުރު ފަހު 1:40 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޗާންދަނީމަގުގައި ހުރި އިމާރާތެއްގެ މަތިން ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ. ވެއްޓުނީ އިންޑިއާއަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނެކެވެ.

އެ މީހާއަށް އެންމެ ފަހުން ފަރުވާދީފައިވަނީ އައިޖީއެމްއެޗުގެ އިމަޖެންސީގައެވެ.

އެ މީހާ ވެއްޓުނީ އިމާރާތުގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅިން އެންމެ ތިރިއަށް ކަމަށް ފުލުހުން ބުނެއެވެ.

ރައްކާތެރިކަމަށް ސަމާލުކަން ނުދީ މަސައްކަތް ކުރުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެފަދަ ކަންކަމުގެ ސަބަބުން ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.