13 Feb 2024, 14:51
ފުލެޓު ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން މިއަދު ވެސް 500،000 ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އޯޓީޕީ ހޯދައިގެން މިއަދު މީހެއްގެ އެކައުންޓުން 500،000 ރުފިޔާ ހޯދި މައްސަލައެއް ފުލުހުންނަށް ހުށަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެއްވެސް މީހަކަށް އޯޓީޕީ ހިއްސާނުކުރާން އެދިފައެވެ. އަދި، އެފަދަ ހީލަތްތަކުގެ ޝިކާރައަކަށް ނުވެ، ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވާން ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ފުލުހުން ބުނީ ފުލެޓެއް ލިބުނު ކަމަށް ބުނެ އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ ކަމަށެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މި ފަހުން ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ވެސް ފުލެޓެއް ލިބުނު ކަމަށް ބުނެ މީހެއްގެ އަތުން 200،000 ރުފިޔާ ވަނީ ފޭރިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކަނި ވެސް ސްކޭމްތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެގޮތުން، 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު 971 މައްސަލައެއް ވަނީ ރިކޯޑު ކުރެވިފައެވެ. އެކަމަކު، ހުށަހެޅުނު މައްސަލަ މަދުވި ނަމަވެސް ފައިސާގެ އަދަދުތައް ބޮޑުވާކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ.