13 Feb 2024, 16:22
އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ކަމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން ތިބި އެމްޑީޕީގެ ރައީސްކަން ހުސްވެފައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، މި ވަގުތު އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު މި އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި، އެ މަގާމަށް ކުރިމަތިލާން އެދޭ މެންބަރުންނަށް މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ފުރުސަތު ހުޅުވައިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާ މެންބަަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑާ އެކު، ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން އެދޭފޯމުފުރިހަމަކުރަން ޖެހޭނެއެވެ.
އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފައިވާއިރު، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ ނުރަސްމީ ގޮތެއްގައި އެ މަގާމަށް ކެމްޕޭން ކުރައްވަމުންނެވެ.
އެމްޑީޕީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ޞާލިޙް، މިހާތަނަށް އެ އިންތިޚާބާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކުރިން 2003 ގައި ނުރަސްމީކޮށް އުފައްދައި 2005 ވަނަ އަހަރު އުފެދުނު އާ ގާނޫނު އަސާސީއާ އެކު ރަޖިސްޓްރީކުރި އެމްޑީޕީގެ ފުރަތަމަ ރައީސަކަށް ހުންނެވީ އިބްރާހިމް އިސްމާއިލް (އިބުރާ)އެވެ. އޭގެ ފަހުން، ކުރީގެ ބަންޑާރަނައިބު މުހައްމަދު މުނައްވަރާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ޑީޑީ ވެސް އެމްޑީޕީގެ ރައީސްކަން ކުރެއްވިއެވެ.
އެންމެ ގިނަ ދުވަހު އެމްޑީޕީގެ ރައީސްކަން ކުރެއްވީ މި ފަހުން އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޞާލިޙާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ނަޝީދު ވަނީ އެމްޑީޕީން ވަކިވެ، އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިފައެވެ.