އެއާއެކު މުނީރާ ރާދިންއާއެކު ހުރި މީހާ ފެނުމާއެކު އޭނާއަށް ވެސް ކޮޅަށް ތެދުވެވިއްޖެއެވެ.

އެއީ ކާކުކަން މައާލްއަށް އެނގޭފަދައެވެ. މޫނުމައްޗަށް ވެރިވި ހައިރާންކަމާއި ޖަޒުބާތީ ކުލަވަރު، އެ މޫނުމަތިން މައާލްއަށް ފޮރުވައިލެވުނީ ވަރަށް އުނދަގުލުންނެވެ. އެމީހުން އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމާއެކު، ގަދަކަމުން ހިނިތުންވެލި ނަމަވެސް، އޭނާގެ ހިތުގެ ތެޅުން އިންތިހާ ދަރަޖައަށް ވަނީ އަވަސްވެފައެވެ. އަތްފައި ފިނިވުމާއެކު މައާލްގެ ނޭވާވެސް އަވަސްވިއެވެ. އޭނާއަށް ވަމުން ދިޔަ ގޮތްތައް ފާޅުނުކޮށްވޭތޯ މައާލް މަސައްކަތް ކުރަމުން ދިޔަނަމަވެސް، ފާއިތުވީ ކޮންމެ ސިކުންތަކާއެކު އޭނާގެ ހިތް ހީވަނީ މޭފަޅާލާފައި ނުކުމެދާނެހެންނެވެ. އޭނާ ހުރީ އެހާވެސް ހާސްވެފައެވެ.

"މައާލް… ދަރިފުޅާ…" މުނީރު މައާލްއަށް ގޮވާލިއެވެ.

"ލަ… ލައްބަ؟" މައާލްއަށް އެހެން ބުނެވުނީ ކުޑަކޮށް އަޅައަޅައިގެންނަމުންނެވެ.

"މީ ޒުހުރީ… ޒުހުރީ މީ މައާލް." ވަރަށް ފުން ނަޒަރަކުން ޒުހުރީއަށް ބަލާލާފައި މުނީރު ބުނެލިއެވެ. ޒުހުރީގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް އޭނާއަށް ވެސް ދެނެގަންނަން އުނދަގުލެވެ.

މައާލް ފެނުމާއެކު ޒުހުރީއަށް މައާލްއަށް ބަލައިލެވުނީ ލޯތްބާއި ކުލުނާއި ޙަމްދަރުދީ އެކުލެވޭ ބެލުމަކުންނެވެ. އެހެންނަމަވެސް، އެ ހިތުގައި އޭރު ރިއްސަމުން ދިޔައެވެ. ކެތް ނުކުރެވޭފަދަ ވޭނެއް އޭނާގެ މުޅި ހިތާ ހަށިގަނޑުގައިވެސް ފެތުރެން ފެށި ފަދައެވެ. އޭނާ ކުޑައިރު ދޫކޮށްލި ދަރިފުޅު މިއަދު އޭނާގެ ކުރިމަތީގައި އެހުރީ ޒުވާންވެ ފުރާ ފުރިހަމަވެފައެވެ. މައާލް އެހާ ގާތުން ފެނުމުން މައާލްއާ މަޝާރާއާ ހުރި ވައްތަރުކަން އޭނާއަށް ފާހަގަވަމުން ދިޔައެވެ. މަޝާރާގެ އެ ދެލޮލާއި މަޝާރާގެ ހަންގަނޑުގެ ކުލައެވެ. މައާލްގެ ކަޅުކަން ގަދަ އިސްތަށިގަނޑެވެ. އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލުން ނެއްޓޭހެން ހީވުމާއެކު އޭނާ ފުރަގަސް ދިނެވެ. ލީ ފުންނޭވާއާއެކު، ހުރިހާ އުދާސްތަކެއް ބޭރުކޮށްލި މީހެއްފަދައިން އިރުކޮޅަކު ހުރުމަށްފަހު، އޭނާ އަނެއްކާވެސް އެނބުރިލިއެވެ. އަދި ހިނިތުންވެލިއެވެ. ދައްކަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރިނަމަވެސް، ވާހަކަ ފަށާނެ ގޮތެއް، ބުނާނެ އެއްޗެއް އޭނާގެ ދުލު ކުރިއަކަށް ނަޔެވެ. ސިކުނޑިވެސް ހީވަނީ ހުސްކަމެއްގެ ތެރޭގައި ވާހެންނެވެ.

"ހިނގާ އިށީންނަން." މުނީރު އެހެން ބުނެލީ ޒުހުރީއަށް ވަމުން ދިޔަގޮތުންނެވެ. އެންމެން އިށީނުމާއެކު، އެންމެ ފުރަތަމަ ވާހަކަ ދެއްކީ މުނީރެވެ.

"ދަރިފުޅު ކައިފިންތަ؟" މުނީރު މައާލްއާ ސުވާލުކޮށްލުމާއެކު މައާލް ބޯ ޖަހާލިއެވެ. އޭނާދެއަތް ދެއަތާ މޮޑެން ފެށުމުން ރާދިން ކަމެއްވީތޯ މައާލް ކުރެން ސުވާލުކޮށްލުމާއެކު، މައާލް ރާދިންއަށް ބަލާލާ ހިނިތުންވެލާފައި ދެފަރާތަށް ބޯ ހޫރާލިއެވެ.

ޒުހުރީގެ ހަނދާނަށް މީގެ ކުރިން މައާލްގެ އުމުރުން ހަތް އަހަރުގައި ޝާކިރުމެން މައާލް ގޮވައިގެން އެގެއަށް އައި ހަނދާން ވެރިވާން ފެށިއެވެ. އޭނާ ސޯފާގައި އިންދާ މައާލް ބައްޕާއޭ ގޮވަމުން އައިސް ޝާކިރުގެ ގައިގައި ބައްދާލީ އޭނާ ބަލަން އިންދައެވެ. އެ ހިނދު އޭނާގެ ހިތަށް ވީ ގޮތާއި އެ ހިތް ވިރިގެންދިޔަފަދަ އިޙްސާސް މިއަދުވެސް އޭނާއަށް ކުރެވެއެވެ. އެ އިޙްސާސްއަކީ އޭނާއާ އެންމެ ކައިރީގައިވާ އިޙްސާސްއެވެ. ދުވަސްތައް ފާިއތުވަމުން ގޮސް އަހަރުތައް ފާއިތުވެގެން ދިޔަ ނަމަވެސް، އެ އިޙްސާސްވީ އޭނާގެ ހިތުން ދުވަހަކު ފިލައިގެން ނުދިޔަ އިޙްސާސްއަކަށެވެ. ޝާކިރު ޒުހުރީއަށް ބަލާލަމުން މައާލް ގޮވައިގެން ގޮސް ޒުހުރީގެ ކައިރީގައި ބެއިންދި ހަނދާންވެސް އޭނަ އެބަހުއްޓެވެ. އަދި އެ ދުވަހު ފަހުން އެދެމީހުންގެ ދެމެދު ދެކެވުނު ވާހަކަތައްވެސް އިއްޔެ ވީކަމެއްފަދައިން އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. މައާލްއާ އެކު ވަގުތު ހޭދަކުރަން ބޭނުންވި ނަމަވެސް، އެވަގުތު މައާލްއާ އެކު ހޭދަކުރެވިއްޖެނަމަ, މައާލް ޝާކިރުމެންނާއެކު ފޮނުވާލުން އޭނާއަށް ދަތިވެދާނެތީ އެކަންވެސް ޒުހުރީ ޝާކިރަށް މަނާކުރީއެވެ.

"ޒުހުރީ… މައާލްއަކީ ޒުހުރީގެ ލޭ… ޒުހުރީ ބޭނުން ވެއްޖެ ކޮންމެ ވަގުތަކު މައާލްއާ ބައްދަލުކުރެވޭނެ. ވާހަކަ ދެކެވޭނެ. އަހަންނަށް އެނގޭ ޒުހުރީ ކީއްވެގެންކަން އެގޮޮތަށް ކަންތައް ކުރަން ބޭނުން ނުވަނީވެސް، އެއީ މައާލްއާ ގާތް ވެވިއްޖެނަމަ އަހަރެމެންނާއެކު މައާލް ފޮނުވަން ތިޔަ ހިތް އުޒުރުވެރިވެދާނެތީ. ޒުހުރީގެ ހިތުގައިވާ ސުވާލުތައް، އަދި ތި ހިތަށް އަރާ ފައިބާ ހުރިހާއެއްޗެއް ވެސް އަހަންނަށް އަންދާޒާކޮށްލެވޭ. ޒުހުރީގެ މޫނުމަތިން ތިޔަ ފެންނަ އަސަރުތަކުން އެކަނިވެސް އެތައް ވާހަކައެއް އެބަ ބުނެދޭ. ޒުހުރީ! އަހަރެން ޔަޤީންކަން ދެން. އަހަރެން ޔަޤީންކަން ދެން ޒުހުރީއަށް އަހަރެމެން ދެމީހުން މައާލްއަށް ކުޑަވެސް ދެރައެއް ލިބުނަކު ނުދޭނަން. އަމިއްލަ ދަރިއެއްފަދައިން މައާލް ބަލާ ބޮޑުކުރާނަން. އެކަމަކު އަހަރެންގެ އެދުމަކީ ކައިވެނީގެ ކުރިން މައާލްއަށް ހަޤީގަތް ކިޔައިދިނުން. އެއީ ކައިވެނީގެ ވަލީ ދޭއިރު، އަހަރެން ވަލީ ނުދެންޏާ މައާލްގެ ހިތުގައި ސުވާލު އުފެދޭނެ. ކިތަންމެ ސިއްރުކުރިޔަސް އޭރުން ހުރިހާ ވާހަކައެއް ވެސް ޖެހޭނީ މައާލްއަށް ކިޔައިދޭން." ޒުހުރީ އެގެއިން ނުކުންނަން ދިޔަ ވަގުތު ޝާކިރު އޭނާއަށް ގޮވާލާފައި ދެއްކި ވާހަކަތައް ހީވަނީ އޭނާގެ ސިކުނޑީގައި ގުގުމަމުންދާހެންނެވެ.

އެ ހަނދާންތައް ވެރިވުމާއެކު ހާސްވެ، ނިތުގައި އަތް ޖައްސާލުމާއެކު، ޒުހުރީ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ މުނީރަށް ބަލާލިއެވެ.

ތަނުގައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ވާހަކަ ފަށާނީ ކަކާކުކަމެއް އެކަކަށް ވެސް ނޭނގުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި ރާދިން ވާހަކަ ދައްކަން ފެށިއެވެ.

"މައާލް! މައާލްއަށް އެނގޭދޯ ދުނިޔޭގަ ހީނުކުރާގޮތަށް ކަންތައް ވާކަން." ވާހަކަ ފެށިނަމަވެސް، އެ ހަޤީގަތް މައާލްގެ ކައިރީގައި ފާޅުކުރާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން އެއް ޖުމްލަ ބުނެފައި އޭނާ ވާހަކަ މެދު ކަނޑާލިއެވެ. އިށީނދެލައިގެން އިން މައާލް އޭނާގެ ތުންފަތުގައި ދަތް އަޅާލިއެވެ. ރާދިން އެ ބުނަން އުޅޭ އެއްޗެއް އޭނާއަށް އެބަ އެނގެއެވެ. ހިތްވަރުކޮށްގެން އިންނަން އޭނާއަށް އުނދަގޫވަމުން ދިޔަ ނަމަވެސް، މައާލް ދިޔައީ ކެތްކުރެވޭނެ އެއްމެ މައްޗަކަށް ކެތް ކުރަމުންނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަން އުޅުނު ނަމަވެސް، މިފަހަރު އެކަމެއް އޭނާއަކަށް ނުވިއެވެ.

"މައާލް. ބައްޕަ މިއުޅެނީ މައާލްއަށް ވަރަށް ބޮޑު ހަޤީގަތެއް ކިޔައިދޭންވެގެން. މައާލްގެ ހިތުގައި ބައިވަރު ސުވާލު އުފެދޭނެކަންވެސް އެނގޭ. ވަރަށް ބައިވަރު ޝަކުވާ އުފެދޭނެކަންވެސް އެނގޭ. އަދި ވަރަށް ދެރަވާނެކަންވެސް އެނގޭ. އެކަމަކުވެސް މިއީ މައާލްއަށް އެނގުން މުހިންމުކަމެއް." މުނީރު ވާހަކަ ދެއްކިއެވެ.

"މައާލް! މީ ކާކުކަން މައާލްއަށް އެނގޭތަ؟" މުނީރުގެ އެ ސުވާލާއެކު އިސްއުފުލައިލަން މައާލްއަށް މަޖުބޫރުވިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލީ ހިތާ ދެކޮޅަށެވެ. މުނީރު ޒުހުރީއަށް އިޝާރާތްކޮށްލިއެވެ. އެ ހަޤީގަތް ފާޅުކޮށްލުމަށް އެދިއެވެ. ޒުހުރީ ދެފަރާތަށް ބޯ ހޫރާލީ ހާސްކަމާއެކުގައެވެ. މުނީރު ބޯ ޖަހާލަމުން ލޯ މަރާލާފައި އެ ހަޤީގަތް ހާމަކޮށްލުމަށް ބުނެ ޒުހުރީއަށް ހިތްވަރު ދިނެވެ.

"މައާލް… ދަރިފުޅާ…. މީ… މައާލްގެ ބައްޕަ." ޒުހުރީގެ އަޑު ނުކުތީ ތުރުތުރު އަޅާ ފަދަ ގޮތަކަށެވެ.

މައާލްގެ މޫނުމައްޗަށް އޭނާ ހީކުރިފަދަ ކުލަވަރެއް ނޭރުމުން ޒުހުރީ ހައިރާންވިއެވެ. މުނީރަށް ވެސް ބުނާނެ އެއްޗެއް ނޭނގި ހިމޭންކަން ޚިޔާރުކުރެވުނީ މައާލް އިތުރު ބަހެއް ވެސް ނުބުނެ ހިމޭނުން އިންނަން ފެށުމުންނެވެ. އޭނާއަށް ބަލާލެވުނީ ރާދިންއަށެވެ. ރާދިން މަޑުމަޑުން މައާލްގެ އަތުގައި ހިފައްޓާލާފައި މައާލްއަށް ގޮވާލިއެވެ.

"އެ ބުނި އެއްޗެއް މައާލްއަށް އިވުނުތަ؟" ރާދިން ސުވާލުކޮށްލިއެވެ. އެއާއެކު ބަސް އަހާ ކުޑަކުއްޖެއް ފަދައިން މައާލް ބޯ ޖަހާލިއިރު، ނުރޯން އޭނާ ހިތްވަރު ކުރަމުން ދިޔައެވެ.

"މައާލް…" ރާދިން އަނެއްކާވެސް މައާލްއަށް ގޮވާލިއެވެ.

"ހޫމް." އިތުރު އެއްޗެއް މައާލްއެއް ނުބުނެއެވެ. އޭނާ އެއިން ގޮތަށް އިނީއެވެ. ރާދިން މައާލްއަށް ފުންކޮށް ބަލާލިއެވެ. މައާލްގެ އެ ހިމޭންކަން އޭނާ މާނަ ކުރާނީ ކިހިނަކުން ހެއްޔެވެ؟ މައާލް އެ އިނީ ލިބުނު ޝޮކެއްގެ ސަބަބުން، ބުނާނެ އެއްޗެއް ނޭނގިފައި ހެއްޔެވެ؟

"މައާލް…." ރާދިން އަނެއްކާވެސް ގޮވާލިއެވެ. މިފަހުރުވެސް "ހޫމް" އެއް ފިޔަވާ އިތުރު ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. ފަހަރަކު މީހަކަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. މައާލްގެ ފަރާތުން އެމީހުން ހީކޮށްގެން ހުރި ފަދަ އެއްވެސް އަސަރެއް ނުފެނުނެވެ. ހިމޭންކަމުގައި ތިއްބާ ދެން ފެނުނީ މައާލް ތެދުވި ތަނެވެ. އެއަށްފަހު ،ބަހެއް ވެސް ބުނުމެއްނެތި، އޭނާ ހިނގައިގަތީ ކޮޓަރިތަކާ ދިމާލަށެވެ. އަވަހަށް ދާން ހަދައިގެން ސޯފާގެ ކަނުގައި އަޅައިގަނެފައި އޭނާ ނުވެއްޓުނީވެސް ކިިރިޔާއެވެ.

"މައާލް…" ރާދިންއަށް ގޮވާލެވުނެވެ. އޭނާ ވެސް ސޯފާއިން ތެދުވެލިއެވެ.

"ޒުހުރީ…. ޒުހުރީ މައާލްއާ ވާހަކަ ދައްކާލުން ކިހިނެއްވާނީ؟" މުނީރު ބުނެލިއެވެ.

"އަހަރެން… އަހަންނަކަށް ނުކެރޭނެ. އަހަރެން ގޮސް ކީކޭ މައާލްގެ ކައިރީގައި ބުނާނީ. މައާލްއަށް ކޮން މޫނެއް ދައްކާނީ. ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް ހުރިނަމަވެސް، އެ ހުރިހާ ވާހަކައެއް އަހަރެން މައާލްއާ ދައްކާނެ ގޮތެއް ބުނެބަލަ! އެފަދަ ހިތްވަރެއް އަހަރެންގެ ނެތޭ. މުނީރު. އަހަރެން ކިހިނެއް؟..... އަހަރެންގެ ދެއަތުން މައާލް ކުޑައިރު އެހެން ބަޔަކާ ހަވާލުކުރީ. ވީއިރު މިއަދު އަހަންނަށް މައާލްގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގެ." ޒުހުރީގެ އަޑުން ވެސް އިންތިހާ ވޭން ފާޅުވަމުން ދިޔައެވެ.

"މައާލް އެކަނި ކޮށްލާކަށް ނުވާނެ ބައްޕާ. އަޅުގަނޑު މިދަނީ." ރާދިން އެހެން ބުނެލާފައި މައާލްގެ ދިޔަ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ކޮޓަރިއަށް ވަތްއިރު އެނދުމަތީގައި އޮށޯވެ އޮވެ މައާލް ރޮނީއެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔަ އަޑު އިވި ރާދިންގެ ހިތްވެސް ހީވީ ގެނބިގެން ދިޔަހެންނެވެ.

"މައާލް." މައާލްއަށް ގޮވާލުމާއެކު އޭނާ ގޮސް އެނދުގައި އިށީނދެލިއެވެ. އެއަށްފަހު، ބަންޑުން އޮތް މައާލްގެ ބޮލުގައި ފިރުމާލިއެވެ.

"އެންމެން. ވެސް… އަހަންނަށް… އޮޅުވާލަނީ…" އުނދަގުލުން ގިސްލުމާއެކު، މައާލް ވާހަކަ ދެއްކުމުން އެކީ އެއްޗެއް ރާދިންއަށް ވެސް ސާފުވީ ކިރިޔާއެވެ.

"މައާލް. ތެދުވެ ބަލަ…" ރާދިން ބުނެލިއެވެ. އެތައް އިރަކު ރުއިމަށްފަހު މައާލް ތެދުވެ އިށީނެވެ.

"ކީއްވެ ހުރިހާކަމެއް އެންމެން އަހަންނަށް ސިއްރުކުރަނީ؟" ޝަކުވާގެ ރާގެއްގައި މައާލްއަށް ބުނެވުނެވެ.

"ސިއްރުކުރުމުގެ ފަހަތުގައި ސަބަބެއް އޮންނާނެ މައާލް! މައާލްގެ ބައްޕައަށް ވެސް މައާލްގެ ކުރިމައްޗަށް އަަރަން ނުކެރުނީ. އެ ބައްޕަގެ ވާހަކަ މައާލް އަޑު އަހާލަންވާނެއެއްނު." ރާދިން ބުނެލިއެވެ.

"ދެން ކީކޭ އަޑު އަހަން އޮތީ. ގަބޫލުކުރަން ބޭނުން ނޫނަސް މިއީ ހަޤީގަތެއްނު." އެހެން ބުނެލާފައި މައާލް ތެދުވެލިއެެވެ. އަދި ގޮސް ވޯޑްރޯބްގެ ތަޅުލާފައި ހުރި ވަތްގަނޑު ހުޅުވާލިއެވެ.

"މައާލް…" ރާދިންއަށް ގޮވާލެވުނެވެ.

"އަހަރެން މިއުޅެނީ ހަޤީގަތް ގަބޫލުނުކުރާކަށް ނޫން. އެކަމަކު މީގަ ލިޔެފަ އޮތް ނަމެއް ބަލާލަން." ވެފައި ހުރި ދެރައިން މައާލްއަށް އެހެން ބުނެވުނީ ތަންކޮލެއް ބާރަށެވެ. އޭނާ ކައިވެނީގެ ސެޓްފިކެޓް ނަގާފައި އެއަށް ބަލާލިއެވެ. އޭގައި އޮތް ޒުހުރީގެ ނަން ފެނުމާއެކު އޭނާ ރާދިންއަށް ބަލާލިއެވެ.

"މި ނޫން އެއްޗެއް ނެތްތަ؟" މައާލްއަށް ރޮވެނީއެވެ.

"ނެތްހޭ މިނޫން އިތުރު ހެއްކެތް؟" ލަންޑަންގައި ހުއްޓާ އެ ހަޤީގަތް އެނގުނު މައާލްގެ ކެތްތެރިކަން މިއަދު ކޮޅުން ލީއެވެ. އެގޮތަށް އޭނާއަށް ކަންތައް ކުރެވެނީ އެހެންވެއެވެ. އޭނާ ހީކުރީ ހަޤީގަތް އެނގޭޙާލު އެކަން އެހެން މީހަކު ކިޔައިދިނުމުން އެހާ އަސަރެއް ނުކުރާނެކަމަށެވެ. އެކަމަކު ވީ އެހެން ނޫނެވެ. ކެތްތެރިކަން ކޮޅުންލާ އޭނާއަށް ހުރިހާ ވޭނަކާއި ޝަކުވާތަކެއް ބޭރުކުރެވެން ފެށީއެވެ.

"ދެން ނެތްހޭ އިތުރު ހެއްކެތް؟ ނެތްހޭ؟" މައާލްއަށް ބާރަށް ބުނެވުނެވެ.

ރާދިން ހަމައެކަބަޑު ހުޅުވާލާގައި އިތުރު ފައިލްތަކެއް ނެގިއެވެ. އެއަށްފަހު އޭނާ އެ އެއްޗެހި މައާލްއަށް ދިއްކޮށްލިއެވެ. އެއީ މިއަދު ނޫނީ މާދަމާ މައާލް ކުރިމަތިލާންޖެހޭ ހަޤީގަތެއްކަން ރާދިންއަށް އެނގެއެވެ. މައާލް އޭގައި ހިފަމުން އެއަށް ބަލާލިއެވެ. އެންމެ ފުރަތަމަ އޮތީ އޭނާގެ އުފަން ދުވަހުގެ ސެޓްފިކެޓެވެ. އޭގައި ވާ އޭނާގެ މަންމަގެ ނަމަށް ނަޒަރު ހުއްޓާލުމާއެކު މައާލް އެ ނަން ކިޔާލިއެވެ.

(ނުނިމޭ)