13 Feb 2024, 23:03
މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހިންގި މާރާމާރީއާ ގުޅިގެން، 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އެ ހަމަނުޖެހުމުގައި ބަޔަކު ވަނީ ދަނޑު މައްޗަށް އަރައި، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު މާރާމާރީ ހިންގައިފައެވެ.
އެ މައްސަލައިގައި 10 މީހަކު ހައްޔަރުކުރި ކަމަށް ބުނި ނަމަވެސް، އެ މީހުންގެ ތަފުސީލެއް ފުލުހުން ނުދެއެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހަކަށް ބަންދުގެ މުއްދަތު ޖަހައިފައެވެ. އެގޮތުން ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނަށް ޖެހީ 15 ދުވަހުގެ މުއްދަތެކެވެ. ހަތަރު ވަނަ މީހާއަށް އިއްޔެ ޖަހާފައި ވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.
އޭގެ ތެރޭގައި ބޮޑެތި ކުށްތަކުގެ ރެކޯޑް އޮންނަ އިބްރާހީމް އަލީފް ރައޫފް ވެސް ހިމެނެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ހަމަނުޖެހުން ހިންގީ މެޗު ނިމެން އުޅެނިކޮށެވެ. އޭރު ވިކްޓަރީ އޮތީ 3-1ގެ ނަތީޖާއަކުން ކުރީގައެވެ.
ހަމަނުޖެހުން ހިންގާފައިވަނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ އަނަޓޮލީ ވްލަސިޗޭވްއަށް ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން އެނަޓޮލީ ވަނީ ގަސްތުގައި ހާޒިމްގެ ގައިގައި ޖަހައިފައެވެ. އެ މައްސަލަ ހޫނުވީ އެނަޓޮލީއަށް ރަތް ކާޑު ދެއްކުމުގެ ބަދަލުގައި ރެފްރީ ރީނދޫ ކާޑެއް ދެއްކި ހިސާބުންނެވެ.
އެ ހަމަނުޖެހުމުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ދަނޑަށް އަރައި، ވިކްޓަރީގެ ބެންޗު ކައިރިއަށް ގޮސް، އޮފިޝަލުންނާއި ކުޅުންތެރިންނާ ކުރިމަތިލައިފައެވެ. ހަމަނުޖެހުމުގެ ތެރެއިން ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)އަށް ވެސް ހަމަލާދިން އިރު، ފުލުހުން ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް މަސައްކަތްކުރިއެވެ.