އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން ބޭއްވި ލަކީޑްރޯއިން ހޮވުނު ނަސީބުވެރިން، ދޯހާ މެރަތަންއަށް މިއަދު ގަތަރުގެ ވެރިރަށް ދޯހާއަށް ފުރައިފިއެވެ.

އުރީދޫއިން ބުނީ މި ހަފުތާގެ ހުކުރު ދުވަހު ދޯހާގައި ކުރިއަށްދާ މެރެތަންއަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު އަފީފް އަބްދުލް ސަމަދު އަދި މުހައްމަދު އަހުމަދު ކަމަށެވެ. އަދި، އުރީދޫ މުވައްޒަފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހުސައިން މާޒިން މުހައްމަދު ވެސް މިއަދު ވަނީ ދޯހާއަށް ފުރައިފައެވެ.

ދޯހާ މެރެތަންގައި، މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވެއެވެ. މި މެރެތަންގައި ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލްއާ އެކު ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ.

ހަ ރޭސް ކެޓަގަރީއާ އެކު ކުރިއަށްދާ ދޯހާ މެރެތަންގައި ދުވާ ރޫޓު ހަމަޖައްސާފައިވަނީ ދުވުންތެރިންނަށް ހިތްގައިމު، ފަސޭހަ އަދި ރައްކާތެރި ރޫޓުތަކަށް ބަލައިގެންނެވެ.

ރޭސް ނިންމާ ހުރިހާ ދުވުންތެރިންގެ މެދުގައި ނެގޭ ލަކީޑްރޯއަކުން ހޮވޭ ދެ ފަރާތަކަށް ވޯކްސްވެގަން ކާރެއް ލިބޭނެއެވެ. މި ތަނުން އެއް ކާރު ހާއްސަ ކުރެވިފައިވަނީ "އަލް އަދާމް"ކެޓަގަރީގެ ބައިވެރިންނަށެވެ.