އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ބްރޫކްލީން ނެޓްސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.

ބްރޫކްލީންގެ ބާކްލޭސް ސެންޓަރުގައި ކުޅުނު މިމެޗު ސެލްޓިކްސް އިން ކާމިޔާބު ކޮށްފައިވަނީ 118 ޕޮއިންޓް 110 ޕޮއިންޓުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން މިކާލް ބްރިޖެސްއެވެ.

މިމުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑާ އާއި އޯލަންޑޯ މެޖިކް ބައްދަލުކުރި މެޗު 127 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔަބު ކުރީ ތަންޑާއެވެ. މިމެޗުގައި ތަންޑާގެ ޝެއި ގިލްޖިއޯސް އެލެގްޒެންޑާވަނީ 32 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި މެޖިކްގެ ޕައޮލޯ ބަންޗޭރޯވަނީ 23 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ 10 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން މިނެސޯޓާ ޓިމްބާވުލްވްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބު ކުރީ ޓިމްބާވުލްވްސްއެވެ. މިމެޗުގައި ވުލްވްސްގެ އެންތަނީ އެޑްވާޑްސްވަނީ 41 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ދެ އެސިސްޓް ކޮށްފައެވެ. އަދި ޓްރެއިލް ބްލޭޒާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ޑިއާންޑްރޭ އައިޓަންއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މައޭމީ ހީޓް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 97 ޕޮއިންޓުން ހީޓް ކާމިޔާބު ކުރިއިރު ފީނިކްސް ސަންސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 130 ޕޮއިންޓް 125 ޕޮއިންޓުން ކާމިޔާބު ކުރީ ސަންސްއެވެ. އަދި ލޮސް އެންޖަލިސް ލޭކާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 125 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބު ކުރީ ލޭކާސްއެވެ.