14 Feb 2024, 19:01
މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމުގެ ހަރަކާތެއް ފަށަން ރާވާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ހަރަކާތުގެ މަގުސަދަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާންމު ސިއްހަތަށް ރައްކާތެރި ގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރި ކުރުމެވެ.
މީގެ ކުރިން ވެސް އެފަދަ ހަރަކާތްތައް ހިންގާފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ އެ މަސައްކަތް ކުރާނީ ރޯދަމަސް ފެށުމުގެ ކުރިން ކަމަށެވެ.
އެ އިދާރާއިން ބުނި ގޮތުގައި މިހާރު ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހު އެ ހަރަކާތް ފެށުމަށެވެ. އެ މަސައްކަތް ކުރިއަށްގެންދާނީ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ހުޅުމާލޭ ހޮސްޕިޓަލާއި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މާލޭ ސަރަހައްދުގައި ހިންގާ ބައެއް ކެފޭ، ރެސްޓޯރެންޓުތަކުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ކާބޯތަކެތި ތައްޔާރުކުރުމާއި، އެކަށީގެންވާ ވަރަށް ތަން ސާފުނުކުރުމުގެ މައްސަލަތައް ސޯޝަލް މީޑިއާގައި ދޭތެރެއަކުން ފެންމަތިވެއެވެ. އެފަދަ މައްސަލަތައް ބަލައި، މިންގަނޑަށް ނުފެތޭ ތަންތަނުގެ ޚިދުމަތް ރަނގަޅު ކުރަން ނުވަތަ ބަންދުކުރަން ވެސް ބައެއް ފަހަރު އެޗްޕީއޭއިން އަންގައެވެ.