މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް އައި ފިލްމު "ޑަންކީ" ރިލީޒްކުރެވުނުތާ ދެ މަސް ފަހުން ފިލްމު ސްޓްރީމިންގްއަށް ދޫކޮށްލައިފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ، ކާމިޔާބު އެތައް ފިލްމެއް ސިނަމާއަށް ގެނެސްދީފައިވާ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ އުފެއްދުމެކެވެ.

ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މި ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާފައިވާއިރު ފިލްމު ބެލުމުގެ ފުރުސަތު ތިއޭޓަރުގައި ނުލިބުނު ގިނަ ފަރާތްތަކަށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް "ޑަންކީ" މިހާރު ބަލައިލެވޭނެއެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމަކަށް ހިޖުރަކުރުމާ ބެހޭގޮތުން ހިންގާ މުއާމަލާތްތަކެއްގެ މައްޗަށެވެ.

ހެއްވާ މަޖާ ހާދިސާތަކެއް އެކުލެވޭ މި ފިލްމުގެ މުހިއްމު ރޯލުތަކުން ބަތަލާ ތާޕްސީ ޕަންނޫ، އެކްޓަރު ވިކީ ކޯޝަލް، ބޮމަން އިރާނީ، ވިކްރަމް ކޯޗާ އަދި އަނިލް ގްރޯވަރު ފެންނާނެއެވެ. މި ފިލްމަކީ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއާއި ޝާހްރުކް ޚާން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމު ވެސް މެއެވެ.

ޝާހްރުކް ޚާން އަދި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ-- ފޮޓޯ/ އިންޓަނެޓް
މިދިޔަ އަހަރު ޝާހްރުކް ޚާންގެ އިތުރު ދެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ޑަންކީ"އަށް އުއްމީދުކުރި ވަރަށް އާމްދަނީ ހޯދިފައެއް ނުވެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކޭޖީއެފް" ސީރީސްގެ ޑައިރެކްޓަރުގެ ފިލްމު "ސަލާރު" ރިލީޒްކުރި ދުވަހާ ފިލްމު "ޑަންކީ" ރިލީޒްކުރި ދުވަސް ފުށުއެރުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ފިލްމު "ޑަންކީ"އަށް ފަހު ޝާހު އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރިލް މަހު ތެރޭގައެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުން ޝާހު ތައްޔާރުވަމުން އަންނަނީ ދަރިފުޅު ސުހާނާ ޚާންގެ ކެރިއަރުގެ ދެވަނަ ފިލްމުގެ ބަޔަކަށެވެ. ނަމަވެސް ޝާހުގެ ފަރާތުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.